މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ކުރިން ތާވަލުކުރެވުނު ސާނަވީ އިމްތިހާންތައް އަންނަ އަހަރަަަަށް ފަސްކޮށް، އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މިއަހަރުގެ އޮކްޓޫބަރ/ނޮވެމްބަރ ގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސާނަވީ ނިންމާ އިމްތިހާންތައް 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިބަދަލާއެކު، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް ވެސް މިއަހަރު ނޯންނާނެ ކަމަށާއި އެ އިމްތިހާންތައް ވެސް އޮންނާނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ކަމަށެވެ.

އެހެންކަމުން މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މެއި/ޖޫން އިމްތިހާންތައް ނިމެންދެން އެދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާން

މިއަހަރު ގްރޭޑް 10 ނިންމައި އޯލެވެލް ހެދުމަށް 1529 ދަރިވަރުން ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ބަދަލުގެ ސަބަބުން ސްކޫލްތަކަަަަށް ޖާގައިގެ ގޮތުން ދިމާވާނެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއިން ފެށުމަށް ސޯޝަލް ކައުންސިލުގެ ލަފަޔާއެކު ނިންމާފައިވާ ކަމަށްް ވެސް މިނިސްޓްރީން ބުނެއެވެ. މި ބަދަލު ދާއިމީ ބަދަލަކަށް ހެދުމަށް ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ދަނީ ހޯދަމުންނެވެ. މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް އިމްތިހާންތަކުގެ ތާވަލަށް ބަދަލުގެނެސް ދިރާސީ އަހަރު ފަށާ ތާރީޚަށް ވެސް ބަދަލުގެނެސްފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ޖެނުއަރީގައެވެ.