އިސްލާމީ މަރުކަޒުގައި މިއަދު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ލޮކްޑައުންގައި ތިބި އެ މިނިސްޓްރީގެ މުވައްޒަފުން އިސްލާމީ މަރުކަޒުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އީދު ނަމާދު ޓީވީން ވަގުތުން ދުރަށްދައްކާނެ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން ހިމެނެއެވެ.

ނަމަވެސް އެމިނިސްޓްރީގެ ބައެއް މުއައްޒަފުން އިސްލާމީ މަރުކަޒުގައި ލޮކްޑައުން ވެގެން ތިބެ މަރުކަޒުގައި ދަނީ ނަމާދުކުރަމުންނެވެ. އަދި މީގެ ތެރެއިން ހުކުރު ނަމާދުގެ ވަގުތު އެ ނަމާދު ވަގުތުން ދަނީ ދުރަށް ދައްކަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އަންގާފައިވާ އެންގުމަށް ބަދަލުގެނެސް، މިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އާންމު ހާލަތުގައިވާ ރަށްރަށުގެ މިސްކިތްތަކުގައި ނަމާދު ޖަމާޢަތުގައި ކުރުމަށް ހުއްދަ ދީފައެވެ. މި ހުއްދައާއި އެކު މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އެ މިސްކިތްތަކުގައި ދަނީ ޖަމާއަތުގައި ނަމާދުކުރަމުންނެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މާދަމާ ޖަމާއަތުގައި އީދު ނަމާދު ކުރާނެކަމަށެވެ.

ޖަމާޢަތުގައި ނަމާދު ނުކުރާ 7 ރަށަކީ މޮނިޓަރިންގައިވާ 3 ރަށާއި މޮނިޓަރިންގެ ހާލަތު އުވާލުމަށްފަހު 14 ދުވަސް ނުވާ 4 ރަށެވެ.