ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ 7 ރަށެއް ފިޔަވާ ހުރިހާ ރަށަކަށް ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފާއި އޮތް އޮތުން ނިމުމަކަށް ގެނެސް މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ދަނީ އާންމު ހާލަތުގައިވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރަމުންނެވެ. އެ މިނިސްޓްރީން މި ހުއްދަ ދިން އިރު 25 ރަށަކަށް މި ހުއްދަ ދީފައެއް ނުވެއެވެ.

މިރޭ އިސްލާމިކް ނިސްޓްރީން ނެރުނު ސަރކިއުލާގައި ވަނީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއް އެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާނަމަ އެރަށެއްގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދީފައިވާތީ އެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެރަށްރަށުގެ ހާލަތު ބަދަލު ނުވަނީސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށާއި އެފަދައިން އަމަލު ނުކުރާ ރަށްރަށުން ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ވަނީ އެރަށްރަށަށް އަންގާފައެވެ.

ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ މިހާރު ނުދީ ވަނީ މޮނިޓަރިންގެ ހާލަތުގައިވާ ،މާލެ ސިޓީ،ށ. ނަރުދޫ، ނ މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލުމަށްފަހު 14 ދުވަސް ނުވާ 4 ރަށްކަމުގައިވާ، ހއ.ތަކަންދޫ، ށ. މިލަންދޫ، ކ. ހިންމަފުށި، އަދި ކ. ތުލުސްދޫއެވެ.

އެމިނިސްޓްރީގެ ސަރކިއުލަރގައި، އާންމު ހާލަތަށް ނުދާ ރަށްތަކާއި ރިސޯޓްތަކުގާއި ބަންގީގެ ފަހުން ގޭގައި ނަމާދުކުރުމަށް ދެ ފަހަރު ގޮވުމަށާއި ޖަމާއަތުގައި ނަމާދު ކުރެވޭ ރަށްތަކުގައި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ނާޒިލާ ކިޔުމަށް ވަނީ އަންގާފައެވެ.