ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ފުރާނައިން ގުރުބާންވެގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އެއް ބަޔަކީ ދިވެހި ސިފައިންނެވެ. މިގޮތުން މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ މުސީބާތް ރާއްޖެއާ ހަމައަށް ފޯރި ހިސާބުން ފެށިގެން ވެސް ދިވެހި ސިފައިން ދަނީ ރައްޔިތުންގެ ހައްގުގައި އެތައް ގުރުބާނީއެއް ވަމުންނެވެ. މި ގުރުބާނީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ މި ބަލި ޖެހޭ މީހުންނާއި ޝައްކުކުރެވޭ މީހުން ބައިތިއްބުމަށާއި ފަރުވާދިނުމަށް ހެދޭ ތަންތަން ތައްޔާރުކުރުމުގައި ސިފައިންގެ ދައުރެވެ.

ރެޔާއި ދުވާލު، ވަރުބަލިކަމެއް ނެތި ސިފައިން ކުރި ބުރަ މަސައްކަތުން މިހާރު މިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ވެސް ނިންމާލާފައެވެ. ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށްވާގޮތަށް އޮތް ހުސްބިމުގައި ތަރައްގީ ކުރި މިތަނުގެ މަސައްކަތް ފެށީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. މުޅި ރަމަޟާން މަސްވެސް މަސައްކަތުގައި ހޭދަކޮށް، މަސައްކަތް ފެށިތާ 55 ދުވަސް ފަހުން މިވަނީ ތަން އެއްކޮށް ނިންމައި އައިޖީއެމްއެޗާ ހަވާލުކޮށްފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ސިފައިން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ވެސް ކަޑައްތުކޮށްފައެވެ. މަސައްކަތް ފަށައިގަތްއިރު 350 މީހުން މަސައްކަތުގައި ތިބި ނަމަވެސް، މަސްދުވަސް ނުވަނީސް އޭޕްރީލް 25 ވަނަ ދުވަހު އޭގެ ތެރެއިން ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ސައިޓް މޮނިޓަރިންގެ ހާލަތަށް ގެނެވި، އޭގެ ފަހުން 76 ސިފައިން މަސައްކަތް ކުރިއަށް ގެންދިޔައީ މިތަނުގައި ކަރަންޓީނުވެގެން ތިބެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ނިންމައި ފިތުރު އީދާ ދިވެހިން ބައްދަލުކުރިއިރު ދިވެހި ސިފައިން މިވަނީ މި ބޮޑު، ބުރަ މަސައްކަތް ނިންމައި ރައްޔިތުންނަށް ދިން "އީދު ހަދިޔާ" އެއްގެ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ ސަރުކާރާ ހަވާލުކޮށްފައެވެ. މި ތަން އައިޖީއެމްއެޗާ ހަވާލުކުރުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރަށް ރައީސް އޮފީހާއި އެމްއެންޑީއެފާއި، އެންޑީއެމްއޭއާއި، އައިޖީއެމްއެޗާއި މަސައްކަތަށް އެހީތެރިވެދިން ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްގެންދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށާއި މި މަސައްކަތް ލީޑްކުރި މުއައްސަސާގެ ވަޒީރުގެ ހައިސިއްޔަތުން މި ނިންމާލެވުނީ ވަރަށް ބޮޑު މަަސައްކަތެއް ކަމުގައި އިހްސާސް ކުރެއްވޭ ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށްދިޔައިރު ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވި ކަމަކީ މަސައްކަތުގައި ހަރަކާތްތެރިވި ބައެއް ސިފައިން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެކަހެރިކުރުމުން މަސައްކަތަށް އައި ހީނަރުކަން ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި ސިފައިންނާއި އެބޭފުޅުންގެ އާއިލާއާ، މިނިސްޓަރު އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި އެބޭފުޅުންގެ ބަހަކަށްވީވެސް ގައުމު ގޮވާލި މިދަނޑިވަޅުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތުގައި ދެމިތިބުން ކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް މިވަބާގެ ނުރައްކާތެރިކަން ވިސްނޭތީ އެފަރާތްތައް މަސައްކަތާއި އެކަހެރި ކުރަންޖެހުނީ. ފުރާނަ އަތްމައްޗަށް ލައިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތަރައްގީކުރުމުގެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ މި މަސައްކަތް ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން ބައްލަވައި، މަސައްކަތް ކުރިއަށްގެންދިއުމަށް ދެއްވި އިރުޝާދާއި ލަފާފުޅަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮވިޑް ވިލެޖްގެ މަސައްކަތް ކުރަމުންދިޔައިރު، އަމަލީ ގޮތުން ސިފައިން ކުރި މަސައްކަތް ބައްލަވައި ހިތްވަރުދެއްވި ކަމަށްޓަކައި ޑިފެންސް މިނިސްޓަރަށްވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްދިޔައިރު މިމަސައްކަތަށް ބޭނުންވާ ފަރުމާކުރުމާއި އަދި ބޭނުންވި އެހެނިހެން އެހީތެރިކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްވާފައި ވާތީއާއި، މި މަސައްކަތަށް ބޭނުންވާ އެހެންމެހާ ކަންކަމަށް މަގުފަހިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސަލްޓަންޓް މަހުޖޫބް ޝުޖާޢު ދެއްވި އެހީތެރިކަމަށްޓަކައި އެފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް

ކޮވިޑް ވިލެޖުގެ ގޮތުގައި ތަރައްގީކުރި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އޯވަރޯލް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ރާވައި މެނޭޖްކުރުމުގައި އެމްއެންޑީއެފުން މަސައްކަތް ކުރި ނަމަވެސް ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ، ލިއޯ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ދީފައެވެ. މިތަން ތަރައްގީކުރުމުގައި އެމްއެންޑީއެފްގެ ފަރާތުން އަމަލީގޮތުން އިސްކޮށް ހަރަކާތްތެރިވީ މިލިޓަރީ އިންޖިނިއަރސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރަށް ސިގްނަލްސްއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތަރައްގީކޮށްފައިވަނީ ފަސް ބުލޮކް ހިމެނޭ ގޮތަށެވެ. މިގޮތުން ހަތަރު ބުރި ހިމެނޭ ބުލޮކް އޭ އިމާރާތް ތަރައްގީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީގައި 68 އެނދު ހިމެނޭއިރު ބުލޮކް ސީ ބިލްޑިންގ ތައްޔާރުކޮށްފައި ވަނީ ހެލްތު ކެއަރ ވޯކަރސް އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައެވެ. އަދި ބުލޮކް ޑީ، ސަރވިސް ބިލްޑިންގއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާއިރު މި ބިލްޑިންގައި ހިމެނެނީ ލޯންޑަރީއާއި އޮފީހާއި މީޓިންގ ރޫމެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ފަސްވަނަ ބުލޮކް ކަމަށްވާ އެއްބުރިއަށް ހަދާފައިވާ ބުލޮކް އީގައި ހިމެނެނީ ހިނަވާގެޔަކާއި އޮޓޯކްލޭވް މެޝިނެވެ.