ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ގުޅޭގޮތުން މީހަކު ދޮގު ވާހަކަތަކެއް ދެއްކި މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ރައީސް ނަޝީދާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް އިންޓަވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ފުލުހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން މިމަހުގެ 18 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދު، ކީރިތި ރަސޫލާއާމެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ރޯދަމަހުގެ ފަހުދިހައިގެ މަތިވެރި ދުވަސްތަކުގައި މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްްތަކެއް އަޅުވާފައިވާ ކަމަށެވެ. އެހެންކަމުން އެމީހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގަތުލުކޮށްލުމަށް ލޭ ހުއްދަ ކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރައްވައެވެ.
މަޖިލީހުގެ އިދާރާގެ ބަޔާން

މަޖިލީހުގެ އިދާރާގެ ނޫސްބަޔާނުގައި ވާގޮތުން، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކާފައިވަނީ ރ.އަނގޮޅިތީމު މީހެކެވެ. އެމީހާގެ ފުރިހަމަ ނަމާއި އެޑްރެސް ވެސް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެއެވެ.

މި މައްސަލަ ތަހުގީގުކޮށް، އެމީހާއާއި އަދި އެމީހާގެ އިންޓަވިއު ގެނެސްދިން ޗެނަލްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވައިދިނުމަށް މަޖިލީހުން ވަނީ ފުލުހުންގެ އިދާރާގައި އެދިފައެވެ.

ރައީސް ނަޝީދާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެއްކި ކަމަށް ބުނާ މި މައްސަލަ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތު ފުރިހަމައަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އަސާސްތަކުގެ މަތީ ދެމިހުންނެވި މުސްލިމެއް ކަމަށެވެ.