ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފަައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ވަގުތެއްގައެވެ.

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އީދުގެ ތަހުނިޔާ ވިދާޅުވުމަށް މިނިސްޓަރ އިމްރާނަށް ފޯނުން ގުޅުއްވުމުން ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

މިނިސްޓަރ ވަރަށް ބޮޑު ޔަގީން ކަމެއްދެއްވި ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަން، އަދި މަރުތަކުގެ މައްސަލަތައް ކުރިއަށް ގެންދެވުމަށް."
ރައީސް ނަޝީދު

މި މައްސަލަތައް ބެއްލެވުމުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެކަމާ ގުޅިގެން ރައީސް ނަޝީދު މީގެ ކުރިން ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި ޚިޔާލުފުޅުތަކަށް އަދި އުސޫލްތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީން ބުނެފައިވާކަން ވެސް އެ ލިޔުމުގައި ފާހަގަކުރައްވާފައި ވެއެވެ.