ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީސް ކުރާ ގޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީސް ކުރާ ގޭގައި ބޭއްވުން ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުންނެވެ. އޭގެ ފަހުން ޖަލްސާތައް ކުރިއަށްގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށާއި ޖަލްސާ އޮންނާނީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. މިގޮތުން މި ހާލަތުގައި ޖަލްސާ ކުރުމަށް ޚާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް ހަމަޖައްސާފައިވާގޮތުން، މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވަގެން ތިއްބަވާނީ 42 މެންބަރުންނެވެ. އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ދުރުމިނުގައެވެ. އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ވޯޓުލުމުގައި ވެސް ވަނީ މި އުސޫލުތައް ހިފެހެއްޓުމަށް ކަނޑައަޅާފައެވެ. އެގޮތުން ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މާލަމުން ނިކުމެވަޑައިގަތުމުން ބާކީ ތިއްބެވި މެންބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަޖިލީހުގެ މުވައްޒަފުންނަށް މާލަމުގައި ތިއްބެވޭނީ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު އަދަދަކަށެވެ. އަދި މެންބަރުންނާއި މުވައްޒަފުން ތިއްބަވާން ޖެހޭނީ މާސްކް އަޅުއްވައިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މި އިންތިޒާމުތައް ތަންފީޒު ކުރައްވަމުން ގެންދަވާނީ މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން ސަރޖެންޓް އެޓް އާރމްސް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ޖަލްސާއެއް ނުބާއްވާތާ ދެމަހެއްހާ ދުވަސް ފަހުން ބާއްވާ މި ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހިމެނެއެވެ. އަދި އޭޕްރީލް މަހު ބާއްވަން ކުރިން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހިފައިވާތީ، ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

"ނިއު ނޯމަލް" ނުވަތަ އައު އާންމު ހާލަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެފައިވާއިރު، މިހާލަތުގައި އަމަލުކުރާގެ ގޮތުގެ އުސޫލު ދެތިން ދުވަހެއްގެ ތެރޭ ހާމަކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. މުޅި ރާއްޖެއަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ. އަދި އޭޕްރީލް މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާއިރު، އެކަމަށް އެންމެ ފަހުން ކަނޑައެޅި މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.