ލޮކްޑައުން ނުނިމެނީސް އެޗްޕީއޭގެ މަޝްވަރާއާއި ނުލައި، މަޖިލިސްކުރާގެއަށް އެއްވެ ޖަލްސާތައް ބާއްވަން މަޖިލީހުގެ ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން، މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި ޚިޔާލް ތަފާތު ވެއްޖެ އެވެ.

މާލޭ ސަރަހައްދުން ކޮވިޑް19 ފެނުމާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ހަތަރުވަނަ ފަހަރަށް ލޮކްޑައުންކޮށްފައިވާއިރު އެންމެފަހުން އިތުރުކުރި 14 ދުވަހު މުއްދަތު ހަމަވާނީ، ދެ ދުވަސްފަހުން، 28 ވާ ބުރާސްފަތި ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވޭތުވެދިއަ ދުވަސްތަކުގައި މެންބަރުން ގޭގައި ތިއްބައިވައިގެން އޮންލައިންކޮށް ބޭއްވުމަށްފަހު، މަޖިލީހުގެ ރައީސް ވަނީ، ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތްކަމާއި، އަދި އެކަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ރައީސްގެ އެ ނިންމުވުގައި މަޖިލީހުގެ ބައެއް މެންބަރުންގެ ޚިޔާލު ތަފާތުކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި މިކަމުގައި ޤާނީނީ ސުވާލުތަކެއްވެސް ދަނީ އުފައްދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި HPA ގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް، މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކާ މަޖިލިސްކުރާގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް ހެލްތްޕްރޮޓެކްޝަން އޮތީރިޓީ، އެޗްޕީއޭ ގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވަނީ، ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް އެޗްޕީއޭގެ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ ޖަލްސާއަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލިހުގައި ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރަށް ރިޔާޒު ވަނީ، މީގެކުރިން ހުއްދަ ހޯދައިގެން ރަށުން މާލެއައުމުން އެބޭފުޅާގެ ސުލޫކީ މައްސަލަ މަޖިލީހުން ބަލާފަވާއިރު އެފަދަ ހުއްދައެއްނެތި މަޖިލީހަށް ދިޔަ މައްސަލަ އެހެންތަނަކުން ބެލުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ، އެފަރާތަކާމެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސްގެ މައްޗަށް ލާޒިމް ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެފައި ވަނީ، މާދަމާއިން ފެށިގެން، ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިލިސް ކުރާ ގެއަށް ވަޑައިގެން، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ އެންއީއޯސީ އަދި ހެލްތު ޕްރޮޓެކެޝަން އެޖެންސީއާ ވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނަނީ، ޖަލްސާތައް ބާއްވާނީ، ގައިދުރުކަން އިސްކޮށް، "ނިއު ނޯމަލް" ޕްރެޓިސްކޮށްގެން ކަމަށެވެ.