• ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން ކްރިމިނަލް އިންވެސްޓިގޭޝަނަކަށް ރިފަރ ކޮށްފައެއްނެތް

ކޮވިޑް-19 ބަލީގައި ރާއްޖެއިން ފުރަތަމަ ނިޔާވި މީހާގެ ސާމްޕަލް ނެގުމާއި، ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވިކަން ސަރުކާރުން ހާމަކޮށްފައެވެ.

ކޮވިޑް-19 ބަލީގައި ފުރަތަމަ ނިޔާވި ކޭސްއާ ގުޅިގެން އެއްވެސް ކަހަލަ ކަންކަމެއް ބެލުނުތޯއާއި އަދި އޭގެ ނަތިޖާއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރާތީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސިއްހީ ޚިދުމަތް ދިނުމުގަ އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ އެފަދަ ކަންތައްތައް ބަލަނީ މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން ކަމަށެވެ.

އެގޮތުގެމަތިން، ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާގެ މަރާ ގުޅޭގޮތުން ސުވާލު އުފެދުނު ކަންތައްތައްވެސް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން މިހާރު ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތަފްސީލް ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެގޮތުން ބެލި ބެލުމުގައި ބައެއް ކަހަލަ ކަންތައްތައް ލަސްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަލިމީހާގެ ސާމްޕަލް ނެގުމާއި އަދި ޚާއްސަކޮށް ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.

"މިއާ ގުޅިގެން މިކަންކަން ރަނގަޅު ކުރުމުގެގޮތުން އިތުރު ޕްރޮސީޖާތަކެއް މިހާރުވަނީ ގާއިމްކުރެވިފަ. އެގޮތުން، ކޭސްއެއް ޕޮޒިޓިވްވެއްޖެއްޔާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފާހަގަ ކުރެވިއްޖެކަމަށް ވަންޏާ، އެމީހެއްގެ ސާމްޕަލް އަދި އަލަމާތްތައް ނެތްކަމުގައި ވިޔަސް އަވަހަށް ނެގުމުގެ ކަންތައް މިހާރު ޕްރޮސީޖާގެ ތެރެއިން ކުރިއަށް ގެންދާނެ. އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ގެންދަންޖެހޭ މީހުން އަވަހަށް ގެންދިއުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ"
ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން ފުރަތަމަ ނިޔާވި މީހާގެ ކޭސްއާ ސީދާ ގުޅުން ނެތްނަމަވެސް، ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ބޮޑުވެގެން ނުވަތަ ހާލު އިތުރަށް ގޯސްވެގެން 1676 އަށް އަންނަ ސިއްހީ ޚިދުމަތާގުޅޭ އާރޖެންޓް ކޯލްތަކަށް އަވަހަށް އެޓެންޑްކުރުމުގެ އިންތިޒާމުވެސް މިހާރުވާނީ ހަމަޖެހިފައި ކަމަށެވެ.

ކޮވިޑް-19 ބަލީގައި ރާއްޖެއިން ފުރަތަމަ ނިޔާވެފައިވަނީ މާލެ ސިޓީއަށް ނިސްބަތްވާ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނަމަކަށްކިޔާ މީހެކެވެ.

އާމިނަތު އާދަމްއަކީ ރާއްޖެއިން ޕޮޒިޓިވްވި ކޭސް 126 އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިހުރި މީހެކެވެ.

އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް، ބަލީގެ ހާލަތު އިތުރަށް ގޯސްވެ ޖެހިގެން އައި، އޭޕްރީލް 29 ވަނަ ދުވަހުގެ ހަވީރު އޭނާ ނިޔާވީ ގޭގައި ނިޔާވީ ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ. ސާމްޕަލް ޓެސްޓްގެ ނަތީޖާ ލިބުނީ އޭނާ ނިޔާވިފަހުންނެވެ.

އާމިނަތު އާދަމް ނިޔާވިތާ ބަރާބަރު 15 ވަނައަށްވީ ދުވަހު އޭނާގެ ފިރިކަލުން ހުސައިން އަބްދުﷲ ވެސްވަނީ ކޮވިޑް-19 ބަލީގައި ނިޔާވެފައެވެ.

ހުސައިން އަބްދުﷲ އަކީ މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ އެމްއެޗްއޭގެ ވެރިޔާއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ހުރިހާ މައްސަލަތައްވެސް ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހާމަކުރާނެ ކަމަށާއި، އަދި މައްސަލައެއްގައި ވަކި މީހެއްގެ އިހުމާލެއް ވާނަމަ އެމީހެއްގެ ޕްރޮފެޝަނަލް ބޮޑީއަކަށް އެ މައްސަލަ ހުށަހެޅިގެންދާނެ ކަމަށެވެ.

މިސާލަކަށް ޑޮކްޓަރެއް ވެއްޖެއްޔާ މެޑިކަލް ކައުންސިލަށް، ނަރުހެއް ނުވަތަ މިޑްވައިފެއް ވެއްޖެއްޔާ ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލަށް، އެނޫން ސިއްހީ ޚިދުމަތްތެރިއެއް ނަމަ އެލައިޑް ހެލްތު ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. ކައުންސިލްތަކުން މައްސަލަ އިތުރަށް ބެލުމަށްފަހު ކައުންސިލްތަކުން ފިޔަވަޅު އަޅަން ޖެހެންޏާ އެކަންވެސް ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އާމިނަތު އާދަމް ނިޔާވި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން ކަން ހިނގާފައިވާގޮތް ބެލުމަށްފަހު ހުށަހެޅި ރިޕޯޓްގައި އެއްވެސް ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އަޅަން އަންގާފައި ނުވާކަމަށެވެ. ކްރިމިނަލް އިންވެސްޓިގޭޝަނަކަށް ރިފަރކޮށްފައި ނުވާކަމަށެވެ.