މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން 6.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ބޮލަކަށް 3،800 ރުފިޔާގެ މަގުން ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ފުރަބަންދުކުރުމާ ގުޅިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތުގެ ފައިސާ ނެގުމާއި ބެހުމުގެ އިންތިޒާމްތައް އިސްލާމިކް މިނިސްޓްރީން ހަމަޖެއްސީ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ. މިގޮތުން ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އޫރިދޫ އަދި ދިރާގު މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

މި އިންތިޒާމުގެ ދަށުން މާލޭ ސިޓީގައި ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތީ ރަމަޟާން މަހު ފުރަތަމަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތު ހަމަވިއިރު މާލެ ސިޓީން ޖުމުލަ 156،740 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 6,649,697.00 (ހަމިލިއަން ހަލައްކަ ސާޅީސް ނުވަހާސް ހަސަތޭކަ ނުވަދިހަ ހަތް ރުފިޔާ) ވަނީ ލިބިފައެވެ.

ފިތުރު ޒަކާތުގެ ފައިސާއަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ އެއްޗެކެވެ. އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓަރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އާއި އަތޮޅުތަކުގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ ޢަދަދު ތަފާތުވާނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީއާއި އެހެނިހެން ރަށްރަށުން ފިތުރު ޒަކާތަށް ނަގާފައިވާ ފައިސާ ވަނީ އެރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހާފައި ކަމަށެވެ. މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުރަތުގައި ހިމެނޭ 1715 މީހުންގެ ތެރެއިން މިއަހަރު ފިތުރު ފައިސާ ހަވާލުކުރެވުނީ 1697 މީހުންނަށް ކަމަށާއި އެމީހުންނަށް ޖުމުލަ 6,448,600.00 (ހަމިލިއަން ހަތަރުލައްކަ ސާޅީސް އަށްހާސް ހަސަތޭކަ ރުފިޔާ) ބަހާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ބޮލަކަށް ޖެހިފައިވަނީ 3،800ރ. އެވެ.

މީގެ އިތުރަށް ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201,097.00 (ދެލައްކަ އެއްހާސް ނުވަދިހަ ހަތް ރުފިޔާ) ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ހުރިހާ ރަށެއްގައި ފިތުރު ފައިސާ ނަގާ ބަހާފައިވާއިރު ރަށްރަށުގައި ފިތުރު ޒަކާތް ބެހިގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީއަށް ހުރިހާ ކައުންސިލަކުން އެ ތަފްސީލްތައް ހިއްސާކުރުމުން ކަމަށެވެ.

28 ރަމަޟާން 1441 ވަނަ ދުވަހާ ހަމައަށް އެކައުންޓުގެ ތަފުސީލް ލިބިފައިވާ ޖުމްލަ 1621 މީހުންނަށް ފިތުރު ފައިސާ ވަނީ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް 30 ރަމަޟާން 1441 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ ތަފުސީލް ލިބިފައިނުވާ މީހުންނަށް ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސައި އިތުރު 76 މީހުންގެ ފައިސާ މިނިސްޓްރީން ދޫކުރި ކަމަށް ވެސް ބުނެއެވެ.

މިއަހަރު މާލެ ސިޓީން ފިތުރު ޒަކާތަށް ބޮލަކަށް 3،800ރ. ގެ މަގުން 6.4 މިލިއަން ރުފިޔާ ބަހާފައިވާއިރު، މިދިޔަ އަހަރު ބޮލަކަށް 5،000ރ. ޖެހުނެވެ. 2019 ވަނަ އަހަރު ފިތުރު ޒަކާތަށް ބެހީ ޖުމުލަ ފަސް މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރު ބޮލަަކަށް 1،300ރ. ގެ މަގުން 3.7 މިލިއަން ބަހާފައިވާއިރު، އޭގެ ކުރީ 2017 ވަނަ އަހަރު ވަނީ ބޮލަކަށް 1،250ރ. ގެ މަގުން ޖުމުލަ 3.5 މިލިއަން ރުފިޔާ ބަހާފައެވެ.