އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ (ޓެލެ ކޮންސަލްޓޭޝަން) ގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.

އާސަންދައިން ބުނީ މި ޚިދުމަތް ފެށުމުގެ މަގްސަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން މި ހާލަތުގެ ގޮތުން ރާއްޖެއިން ނުފޮނުވޭތީ، މި ހާލަތު ބަދަލުވަންދެން، އެފަދަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ގާއިމުކުރެވިފައިވާ ހާއްސަ ނިޒާމު މެދުވެރިކޮށް، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ޚާއްޞަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ހަފުތާގެ ފަސް ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ކުޑަކުދިންގެ ޚާއްސަ ބަލިތައް، ހިތުފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ، އެހެންނަމަވެސް މި ހާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދުރުތާ ބެލުން މެދުވެރިކޮށް އާސަންދަ ސްކީމްގެ ޚަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުވައި ދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ދުރުތާ ފަރުވާގެ ޚިދުމަތް ކުރިއަށް ގެންދަން ކުންފުނިން ވަނީ ނިންމައިފައި ކަމަށާއި އަދި އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގައިވެސް މި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް އާސަންދައިން ކުރަން ނިންމައިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.