ކޮވިޑް-19 ބަލިޖެހޭ މީހުންނަށް ފަރުވާއެއްގެ ގޮތުގައި މެލޭރިއާ ބައްޔަށްދޭ "ހައިޑްރޮކްސިކްލޮރޮކުއިން" ބޭސް ދެވިދާނެތޯ ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައިފިއެވެ.

ކޮވިޑް-19 ބަލިޖެހޭ މީހުންނަށް މެލޭރިއާ ބޭސް ދީގެން ތަހުލީލުތައް ކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލީ، އެ ބޭހުގެ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަންތައްތަކެއް، ދިރާސާތަކުން ހާމަވުމާ ގުޅިގެން ކަމަށް ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

ޑަބްލިޔޫއެޗްއޯއިން އިޝާރާތްކޮށްފައިވާ ދިރާސާތަކުގެ ތެރޭގައި މިދިޔަ ހުކުރުދުވަހު އާންމުކުރި ދިރާސާ ރިޕޯޓްވެސް ހިމެނެއެވެ. އޭގައި ބުނެފައިވަނީ، ކޮވިޑް-19 ބަލިން ރަނގަޅުކުރަން މެލޭރިއާ ބޭސް ދިނުމުން ބަލިމީހާ މަރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. މިއީ، ކުރީގެ ދިރާސާތަކުންވެސް ހާމަކޮށްފައިވާ ނަތީޖާއެކެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، މެލޭރިއާ ބޭހާ ގުޅޭގޮތުން ހަދަމުންދާ ދިރާސާތަކުން ދައްކާ ނަތީޖާތައް މުރާޖައާ ކުރުމަށްޓަކައި، މެލޭރިއާ ބޭސް ބޭނުންކޮށްގެން ކޮވިޑް-19 ބަލިމީހުންނަށް ފަރުވާ ދެވޭތޯ ކުރަމުންދިޔަ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

"ސޭފްޓީ ޑޭޓާ އިތުރަށް މުރާޖައާ ކުރުމަށްޓަކައި އަޅުގަނޑުމެން ޓްރަޔަލްސް ހުއްޓާލައިފިން"
ޑރ. ޓެޑްރޯސް

މެލޭރިޔާ ބައްޔަށްދޭ "ހައިޑްރޮކްސިކްލޮރޮކުއިން" އަކީ، ކޮވިޑް-19 އަށް ފަރުވާއެއްގެގޮތުގައި ދެވިދާނެ ބޭހެއްކަމަށްބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަހުލީލުތަކާއި، ތަޖުރިބާތައް ކުރަމުންދާ އެތައް ބޭހެއްގެ ތެރެއިން އެއްބޭހެވެ.

މެލޭރިއާ ބޭހަކީ، ކޮވިޑް ބަލިން ފަސޭހަކޮށްދޭ ބޭހެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ބޭހެކެވެ.

ޓްރަމްޕް މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، ބަލި ނުޖެހުނު ނަމަވެސް އޭނާ ކޮންމެ ދުވަހަކު "ހައިޑްރޮކްސިކްލޮރޮކުއިން" ބޭސްގުޅައެއް ބައްލަވާ ކަމަށެވެ.

މެލޭރިއާ ބޭސް، ކޮވިޑް-19 ބަލިޖެހޭ މީހުން ބަލިން ފަސޭހަކޮށްދޭ ކަމަށާއި، އަދި އެބަލިން ދިފާއުވެސް ކޮށްދޭކަމަށް ޓްރަމްޕް ޕްރޮމޯޓް ކުރައްވަމުން ގެންދަވާއިރު، އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 1.6 މިލިއަނަށް އަރާފައެވެ.

ދުނިޔެއިން އެންމެ ގިނަމީހުންނަށް ބަލި ޖެހިފައިވާ ގައުމަކަށް އެމެރިކާ ވެފައިވާއިރު، ބަލި ޖެހިފައިވާ މީހުން ދެވަނައަށް އެންމެ ގިނަ ގައުމަކަށް ބްރެޒިލް މިހާރުވަނީ ވެފައެވެ.

ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯއަކީވެސް މެލޭރިއާ ބޭސް ވަރަށް ބޮޑަށް ޕްރޮމޯޓްކުރައްވާ ބޭފުޅެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ދެމުންގެންދާ އިރުޝާދާ ޚިލާފަށް ބްރެޒިލް ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދުވެސް ބުނެފައިވަނީ، ކޮވިޑް-19 ބަލިޖެހޭ މީހުންނަށް މެލޭރިއާ ބޭސް ދިނުމަށް އަންގަމުން ގެންދާނެކަމަށެވެ.