ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 155 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ 155 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށާއި، މިއީ ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ 11.11 އިންސައްތަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1،395 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވިކަން އެޗްޕިއޭއިން އެންމެފަހުން ހާމަކޮށްފައިވަނީ އިއްޔެ ހަވީރު 4:30 ގައެވެ. އޭގެފަހުން ބަޔަކު ޕޮޒިޓިވްވިކަމެއް އަދި ހާމައެއް ނުކުރެއެވެ.

އިއްޔެ 24 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަނގްލަދޭޝްގެ 18 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު 154 އަށް އަރާފައިވާ ކަމަށެވެ.

އޭގެފަހުން އެޗްޕީއޭއިން ކޮވިޑް-19 ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރާ ޑޭޝްބޯޑުގައި ވާގޮތުން އިތުރު މީހަކު މިއަދުވަނީ ބަލިން ފަސޭހަވެފައެވެ.