ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މިބަލީގައި މަރުވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 ބަލީގައި މަރުވެފައިވަނީ މަގުމަތީގައި ހޭނެތިފައި އޮއްވާ ރޭގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު މީހެއް ކަމަށެވެ.

އައިޖީއެމްއެޗަށް އެމީހާ ގެންދެވުނުއިރުވެސް ނިޔާވެފައިވާ ކަމަށާއި، އޭނާގެ ސާމްޕަލް ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއާއެކު، ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 5 އަށް އަރާފައެވެ.

މަބްރޫކް ވިދާޅުވީ، މަރުވި މީހާއަކީ ދިވެއްސަކާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށާއި، އޭނާ ދިރިއުޅެމުންދިޔައީ ބަނގްލަދޭޝް ބަޔަކާ އެކީގައި ކަމަށެވެ.

މަރުވި މީހާގެ ކޮންޓެކްޓް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެގޮތުން، މިހާތަނަށް 4 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން މަރުވި މީހާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިވާކަން އެނގިފައި ނުވާކަމަށާއި، އޭނާ މަސައްކަތަށް ނުނިކުންނަތާ 2 މަސްވެފައިވާކަން އެނގިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރޭގެ 10 ޖެހިއިރު ފަރީދީ މަގުގައި ހުރި ތާކަށް އޭނާ ދިޔަކަން އެނގިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.