އަޅުގަނޑު އޭރު އުޅޭ އޮފީހުގެ ފަރާތުން ހަދާފައި އޮންނަ ތާވަލުގައި ވާ ގޮތުން، ދެ ދުވަހުން އެއް ދުވަހު، މާލޭގެ ވަކި ސަރަހައްދަކަށް ދާންޖެހެވެ. މަސައްކަތަކަށް އޮންނަނީ އެ ސަރަހައްދުގެ ގޭގޭގެ ވަޅުތައް ކޮލަރިނޭޓް ކޮށްފައި ހުރިތޯ ބެލުމެވެ. ސަރުކާރުގެ ހުރިހައި އޮފީސްތަކުން މިކަމަށް މުވައްޒަފުން ނަގައި ޓީމުތަކަކަށް ވަނީ ބަހައިފައެވެ.

މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް އޭރު ދިޔައީ ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންނެވެ. ޝިގެއްލާއެވެ. މި ރޯގާގެ ކަންކަމަށް ޚާއްޞަކުރެވުނު، މައި މަރުކަޒަކީ އިންޑޯ ސްޓޭޑިއަމެވެ. ބެޑްމިންޓަން ކުޅުމަށްޓަކައި ހަދާފައި ހުރި، މި ތަން ހުންނަނީ މިހާރު ދާރުލްއާސާރު އެހެރަ ތަނުގެ އުތުރުކޮޅުގައެވެ. ދާރުލްއާސާރު ހަދާފައި އެ ހުރީ މާލޭ ޓެނިސްކޯޓު ހުރި ބިމުގައެވެ.

ބިތްތަކުގައި ޓިނުޖަހައި ދަނގަނޑުން ހަދާފައި ހުރި ތަން، މިހާރު އެންމެ ވައްތަރުވާނީ، ހަނޑޫ ހަކުރު ފުށް ވައްދާފައި އެ ހުންނަ ކަހަލަ ގުދަނަކާއެވެ. ޝިގެއްލާ ފެތުރެން ފެށުމާއެކު، އެއް ޢިމާރާތެއްގައި ފަސޭހައިން މަރުކަޒު ހަދަން، މާލެއިން ލިބެން ހުރި ތަނަކަށް އެ ތަން ވާތީ، އެ ވަގުތު އެ ބަލީގެ ޓާސްކުފޯސް ޓީމު ހަރަކާތްތެރިވާ ވަގުތީ މަރުކަޒެއްގެ ގޮތުގައި އެ ތަން ކަނޑައެޅީއެވެ. މޭޒުތައް އަތުރައި، އެކި އަވަށްތަކާއި އަތޮޅުތަކަށް ޚާއްޞަ ކުރެވުނެވެ. އެ ތާނގައި ބޮޑެތި ޗާޓުތައް ބަހައްޓައި ވަމުންދާގޮތް ފެންނާން ހުރެއެވެ. ޗާޓުތައް ތައްޔާރުކުރުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ އަލްފާޟިލް ސައިކުރާ އިބުރާހިމް ނައީމެވެ. އެ ތަނަކީ ޓިނުން ހަދާފައިވާ ތަނަކަށް ވުމާއެކު، ހޫނު ގަދަވާތީ ބޭނުންކުރަނީ ސްޓޭންޑް ފަންކާއެވެ.

ސިގެއްލާ ރޯގާ ފެތުރެން ފެށުމުން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި ވަލުތެރެއަށް ޤަޟާޙާޖާކުރުން ހުއްޓުވުން ހިމެނުނެވެ. ވަޅުޖަހައިގެން ނޫން ގޮތަކަށް، ބޮޑުކަމު ހާޖަތަށްދިއުން މަނާކުރެއްވިއެވެ.

އޭރުވެސް ރާއްޖޭގެ ރަށްތަކުގައި މި އާދަކާދަ އޮވެއެވެ. ކޮލެރާގެ ދުވަސްވަރުވެސް މިކަން މަނާކުރެއްވިއެވެ. މީގެ އިތުރުން މާލޭގައި ލޮނުމަސް އަވީލުންވެސް 1982 ޖުލައި 12 ވަނަ ދުވަހު މަނާކުރެއްވިއެވެ. އަދި 1 ޖަނަވަރީ 1983 އިން ފެށިގެން، މާލޭގައި ބަކަރި ގެންގުޅުން ވެސް މަނާކުރެއްވިއެވެ.

މާލޭގެ ހުޅަނގު ފަރާތުން، ސަރުކާރުން ހިއްކި ބިމުން ގޯތި ދިނީ ހުޅުލޭން މާލެއަށް ބަދަލު ކުރި މީހުންނަށެވެ. ހުޅުލޭން ބަދަލު ކުރި މީހުންގެ ސަރަހައްދަކީ އަޅުގަނޑު ޗެކްކޮށް ބަލަން ދާންޖެހޭ ގެތައް ހުންނަ ސަރަހައްދެވެ. އެއީ ގިރާވަރު މީހުންގެ ސަރަހައްދެވެ. މާލޭގެ ހުޅަނގު އުތުރުކަން ހިމެނޭ ކޮށިތަކެވެ.

ގިރާވަރު މީހުން ހުޅުލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. އަދި ހުޅުލޭ އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް 1978 ގައި ފަށަންވެގެން ހުރިހައި ރައްޔިތުން މާލެއަށް ބަދަލުކުރީއެވެ.

އެއީ މިހާރު މާބްލް ގެސްޓުހައުސް ހުރި ހިސާބެވެ. ބައެއް ގޭގޭގެ މަގުފާރު ރާނާފައި ހުންނަނީ ތެޅިގަލުންނެވެ. ކޮންމެ ގޯއްޗެއްގައި ފެންވަޅެއް ނުހުރެއެވެ. ވަޅު ބަހައްޓާފައި ހުންނަނީ ދެ ގެއަށް އެއް ވަޅު ވާ ގޮތަށެވެ. އެ ކަމުގެ ސިއްރަކީ، އެ ސަރަހައްދުގައި ފެންވަޅު ބަހައްޓަން އުނދަގޫ ވުމެވެ. އެއީ ގާ އަޅައިގެން ހިއްކާފައިވާ ސަރަހައްދަކަށް ވާތީއެވެ. ފެންވަޅު ބަހައްޓަން ބައެއް މީހުން ކޮނެފައި ހުރި ވަޅުގަނޑުގަނޑުގައި ވެނާއި ދިރޭ މަސް އުޅޭތަންވެސް ފެނެއެވެ. ބައެއް މީހުން ކެއުމަށް އެތަނުން މަސް ހިފައިވެސް ހެދިކަމަށް ބުނެއެވެ. ސަރުކާރުން އެ މީހުންނަށް ގޯތި ދެއްވިއިރު އަސާސީ ޚިދުމަތް ކަމަށް ބަލާ މިންވަރަށް ކަންކަން ކޮށްދީފައެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް ފައިސާ ދެއްވިއެވެ.

މަދު ގެތަކެއްގައި ވަކިން ވަޅު ބަހައްޓާފައި ހުރެއެވެ. ދެން ހުންނަނީ ފާޚާނާ ކުރަން ތިރި ތަށި ބަހައްޓާފައެވެ. ނުވަތަ ވަޅުޖަހައިގެން ބޮޑު ކަމުގޮސް ހަދާގޮތަށެވެ. ގާފޮޅު ރާނާ އޭގެ މަތީގައި ފަނުން ބިތް ގަތާފައި ހުރި ގެތައްވެސް ހުއްޓެވެ. ގެތައް ހުންނަނީ ވަރަށް ކުދިކޮށެވެ. އާންމުކޮށް އެ ސަރަހައްދުން ދިން ގޯތިތަކުގެ ބޮޑު މިނަކީ 2500 އަކަފޫޓެވެ. ގޭގެއަށް ވަދެވެނީ އޮޅިއެއް ގިރާ ކޮށްގެންނެވެ. ކޮޓަރިތައް ވެސް ވަރަށް ކުއްޖެވެ. ކޮޓަރިތައް ހުންނަނީ ފިލާ ނުވަތަ ގޯނި ޖަހައިގެން ބިތް ހަދާފައެވެ. މަދު ގެއެއްގައި ކޮޓަރި ރާނާ ފައި ވެސް ހުރެއެވެ. އަދި ތަޅުން އަޅާފައި ވެސް ހުރެއެވެ. ގިނަ ގޭގޭގައި ގޭތެރެއަށް އޮންނަނީ ކަށިވެލި ލައިފައެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތު އެހައި ރަނގަޅެއް ނޫނެވެ.

ވަޅުތައް ކޮލަރިނޭޓް ކުރަނީ އެ ގެއެއްގެ ވެރިފަރާތުންނެވެ. ކޮލަރިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. ކޮލަރިންކޮށްފައި ހުރިތޯ ބަލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ރޯގާ ފެތުރުމުގެ އެއް ސަބަބަކަށް ފެން ތަޣައްޔަރު ވުން، ހިމެނޭތީއެވެ.

ބައެއް މީހުން ކޮލަރިނޭޓް ކުރަން ބޭނުމެއް ނުވެއެވެ. ފެންވަރާއިރު ލޮލުން ދިލަ ނަގާތީއެވެ. އަދި ކެއްކުމަށް ފެން ބޭނުން ކުރާއިރު އެ ރަހަ މާގަދަޔަށް ހުންނާތީއެވެ.

އޭރު މާލޭގައި ބުއިމަށް ބޭނުން ކުރަނީ ވާރޭ ފެނާއި ވަޅުފެނެވެ. މިސްކިތްތަކާއި ބައެއް ބިންތަކުގައި ވާރޭފެން ނަގާ ތާންގީ ދިޔައީ ބަހައްޓަމުންނެވެ. ވާރޭފެން ހުސްވުމުން ދެން ބޭނުން ކުރަނީ މިސްކިތު ވަޅު ފެނެވެ. އަދި ބައެއް ގޭގޭގައި އިހުއްސުރެ ފެންބޯން ބަހައްޓާފައި ހުރި ވަޅުތައްވެސް ހުރެއެވެ. މިފަދަ ވަރަށް ގިނަ ވަޅުތައް މާލޭގެ ކޮންމެ އަވަށެއްގައި ވެސް ހުއްޓެވެ.

އަޅުނގަޑަށް މި މަސައްކަތް ޖެހޭ ދުވަސްތަކުގައި ހެނދުނު އޮފީހަށް ގޮސް ސޮއިކުރުމަށްފަހު، 8:30 އަށް އިންޑޯ އިސްޓޭޑިއަމަށް ދާން ޖެހެއެވެ. އެ ތަނުގައި އޮންނަ ފޮތެއްގައި ސޮއިކުރުމަށް ފަހު ފައިލާއި އަދި "ޓެސްޓް ކިޓް" ހިފައިގެން އެ ސަރަޙައްދަށް ދަނީއެވެ. އަޅުނޑާއެކު އޮފީހުގެ ކޮންމެވެސް ޕިޔޯނަކު ދެއެވެ. އޭނާގެ މަސައްކަތަކީ "ޓެސްޓް ކިޓަށް" ބޭނުންވާ ފެން، ވަޅުން ނެގުމާއި ޓެސްޓް ކުރުމެވެ. އެއަށްފަހު ފެނުގައި ހުންނަންވާ ވަރަށް ކުލޮރިން ހުރިތޯ އަޅުގަނޑު ޗެކް ކުރަނީއެވެ.

ބައެއް ގޭގޭގެ ވަޅުގައި އެ މިންގަނޑަށް ކޮލަރިން ނެތްނަމަ، ބައެއް ފަހަރަށް ކޮލަރިން އަޅަނީ އަޅުގަނޑުމެންނެވެ. އަދި އެ ގެއެއްގެ މީހަކު ލައްވާ ފޯމުގައި ސޮއިކުރުވާން ޖެހެއެވެ. ބައެއް މީހުން އަޅުގަނޑުމެން ދާންވާއިރަށް ވަޅަށް ކޮލަރިން އަޅައެވެ. އެކަން އެނގެނީ ވަޅު ބަލައިލީމައެވެ. މާގިނައިން ކޮލަރިން އެޅުމުން ފެންގަނޑު ހީވާނީ ބޯކިރު ގިރުވާފައި ހުންނަހެންނެވެ.

ވަޅުތައް ޓެސްޓްކުރާ ޓީމުގެ ފަރާތުން ފެން ޓެސްޓުކޮށްފައި ދާ ފަހުން، ބައެއް މީހުން ވަޅު ދިޔަ ހިއްކާ ކަމަށްވެސް، ތުންތުންމަތިން ދައްކާ ވާހަކައިން އެނގެއެވެ.

މޫސުން ރީތިކޮށް އޮންނަ ދުވަސްތަކުގައި މެންދުރު ވާއިރަށް މަސައްކަތް ނިންމައިލެވެއެވެ. ވިއްސާރަވެ ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި އެ ހިސާބުގައި އުޅެން ޖެހެނީ ވަރަށް ހާލުގައެވެ. ކަކޫތާފެނުގައިވެސް ހިނގަންޖެހެވެ. އަދި ބައެއް ހިސާބުތަކުގެ ފާޚާނާ ޖަންކުޝަންތަކުން ނަޖިސް ބޭރުވެފައި ވެސް ހުރެއެވެ. އެއީ ފޯރާ މީހުންގެ ގޭގޭގައި ހަދާފައި ހުންނަ ޖަންކުޝަންތަކެވެ.

ކޮލަރާގެ ދުވަސްވަރުން ފެށިގެން، ސައިހޮޓާތަކާއި ކާބޯތަކެތި ތައްޔާރުކުރާ ހުރިހައި ތަނެއްގައި މެހިދާ ޖެހުމަށް އެންގި އަމުރު، އެ ދުވަސްވަރު ވެސް ދިޔައީ ތަންފީޒު ކުރަމުންނެވެ. މާލޭގައި ކުނިގޮނޑުގައި އުފެދޭ މެހީގެ އުނދަގޫ ވަރަށް ބޮޑެވެ.

ޕަބްލިކް ހެލްތުގެ ޚާއްޞަ ޓީމެއްގެ ފަރާތުން، ހޮވައިލެވޭ ބައެއް ގޭގެގެ ވަޅުތަކުގައި ބަލީގެ އަސަރު ހުރިތޯ ބަލައެވެ. އަދި ބަލި ހުރިކަމަށް ޓެސްޓުން ދައްކާ ގޭގެގެ ވަޅުތައް 7 ދުވަހަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް މަތިއަޅައި ބަންދުކޮށްފައިވެސް ވެއެވެ. ޓެސްޓުކުރަމުން ދިޔައިރު، ޝިގެއްލާގެ އިތުރުން ކޮލަރާގެ އަސަރު ވެސް ފެންނަމުން ދިޔައެވެ.

ސަރުކާރުން އެކުލަވައިލި ޓާސްކްފޯސް ޓީމުގައި، ވަޒީރުންގެ އިތުރުން އެންމެ އިސް ދައުރެއް އަދާކުރަމުން ދިޔައީ ސިފައިންނެވެ. އަދި ޕަބްލިކް ހެލްތާއި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރި މީހުންނެވެ. ބައެއް އާންމުން އެ މީހުންގެ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރު، އެއްވެސް އަގަކާ ނުލައި މި މަސައްކަތަށް ދީފައި ވެއެވެ. ރޭޑިއޯ އަދި ޓީވީގެ ޒަރިއްޔާއިން ރައްޔިތުންނަށް ކޮންމެ ދުވަހަކު ސިއްޙީ ދާއިރާގެ ބޭފުޅުން މައުލޫމާތު ދެއްވަމުން ގެންދެވިއެވެ.

އިންޑޯ އިސްޓޭޑިއަމްގައި ހުރި މަރުކަޒުގައި ހަރަކާތްތެރިވި ސިއްޙީ ދާއިރާގެ ބައެއް ބޭފުޅުންގެ ނަންތައް މިހާރުވެސް ހަނދާން އެބަހުއްޓެވެ.

އެއީ ހެލްތު ދާއިރާގެ އަބަދަށްފެހި ޚިދުމަތްތަކެއް ކުރެއްވި ބައެއް ބޭބޭފުޅުންނެވެ. ނައިފަރު މުޙައްމަދު އިސްމާއީލް ފުޅު، ކަނީރު އަބްދުއްރަހީމް، ނީސް ސަލީމް، ޓިނުޖެހިގޭ ޝަހީމް، ކުޑަހުވަދޫ ޒާހިރު، ގިނިރާހިގޭ ޝަކީލު ފަދަ ބޭބޭފުޅުންނެވެ. އޭރުގެ ހެލްތު މިނިސްޓަރަކީ، ބޮޑުފެންވަޅުގޭ އޮނަރަބްލް މުޙައްމަދު މުޞްޠަފާ ޙުސައިނެވެ.

ޝިގެއްލާގެ މައުލޫމާތު ފުރަތަމަ ހާމަކުރީ، 1 ޖޫން 1982 ވަނަ ދުވަހު ނުކުތް "ހަވީރު" ނޫހުގައެވެ. އޭރު ސެންޓްރަލް ހޮސްޕިޓަލްގައި، މި ބަލީގައި 22 މީހުން އެނދުމަތި ކޮށްފައި ވެއެވެ.

ސަރުކާރުން، އިންޑޯއިސްޓޭޑިއަމްގައި މަރުކަޒު ޤާއިމުކުރީ، 13 ޖޫން 1982 ގައެވެ. އޭރު އޮތް ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުނީ، 10 ޖުލައި 1982 ގައެވެ.

މި ރޯގާ 13752 މީހުންނަށް ޖެހުނެވެ. މަރުވީ 197 މީހުންނެވެ. ރޯގާއާ ބެހޭ ޚާއްޞަ މަރުކަޒު ބަންދުކުރީ، 31 އޯގަސްޓު 1982 ގައެވެ. ފަހުން ރާއްޖޭގެ ދެ ރަށަކުން މި ރޯގާ ފެނިގެން ޓީމުތައް ހަރަކާތްތެރި ވެފައި ވެއެވެ. އެއީ ހއ. ކެލައާއި ރ. ކަނދޮޅުދުއެވެ. ރޯގާގެ އަސަރު މުޅީން ފިލުވައިލެވުނީ، 18 ޖޫން 1984 ގައެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު ޝިޔާމަކީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ދާއިރާގައި ވެސް މިނަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބައިވެރިވުން އޮތް އެންމެ ބޮޑު މަސައްކަތަކަށް ފެނިފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ބޭހެގޮތު ފެބްރުއަރީ މާހު ބާޒާރަށް ނުކުތް ފޮތެވެ.

ޝިޔާމް ވަނީ "އާފަތިސް" އާއި "ހަވީރު" ނޫހަށް ލިޔުއްވާފައެވެ. ސަރުކާރުގެ ނޫހެއް ކަމުގައިވާ "ފުރަދާނަ" ނޫހުގައިވެސް އެންމެ އިސްމީހެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނުކުތް "ފިޔެސް" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އެމް.ވީ ޔޫތުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ޝިޔާމް މިހާރު އާންމުކޮށް ލިޔުއްވަމުން ގެންދަވީ ލިޔުންތެރިންގެ ގުޅުމަށެވެ.