• ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތައް އަދިވެސް ބަންދު
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވައެއް ނުލާ

ކުރިއަށްއޮތް 2 ހަފްތާއަށް ލޮކްޑައުންއާއި، ރަށްތަކުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއިތަކެއް ދޭން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ދިވެހި ރައްޔިތުންނާ ހިއްސާ ކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ލުއިދޭ ދެހަފްތާގައި މީހުންނަށް ގެއިން ނުކުމެ އުޅެވޭނެ ގޮތާއި، އިގްސާދީ މަސައްކަތްތަކާއި، ވިޔަފާރިއައި، ދަތުރުފަތުރުމާއި، ސިއްހީ ޚިދުމަތްތައް ހުޅުވާލެވޭނެ ކަމަށެވެ.

އެގޮތުން، ފުލުހުންގެ ހުއްދައާއެކު، މާދަމާއިން ފެށިގެން ބޭރުގައި އުޅުމަށް ގޭބިސީއަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކުރެވޭ ކަމަށާއި، ފިހާރަތައް ހުޅުވާލައި، ބޭންކުގެ ޚިދުމަތް ހުޅުވުން އިތުރުކުރެވޭނެ ކަމަށެވެ.

އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ޑެލިވަރީ، ޓޭކްއަވޭއަށް ހުޅުވާނެ ކަމަށާއި، ނަމަވެސް ކުރިއަށްއޮތް ދެހަފްތާގައި އެފަދަ ތަންތަނަށް ގޮސްގެން ޚިދުމަތް ދިނުމަށް ހުޅުވައެއް ނުލެވެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ޓެކްސީއާއި، ޕިކަޕްގެ ޚިދުމަތަށް ހުޅުވޭނެ ކަމަށާއި، ނަމަވެސް ސަރުކަރުގެ އޮފީސްތަކާއި، އާންމު ޚިދުމަތަށް ހުޅުވަން އަދި ރޭވިފައެއްނެތް ކަމަށާއި، ނަމަވެސް ޚިދުމަތް ދެވޭނެ ގޮތްތަކެއް އޮފީސްތަކުން ރާވާނެ ކަމަށެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަމިއްލަ އޮފީސްތައް ހުޅުވޭނެ އުސޫލު އިޢްލާން ކުރެވޭނެ ކަމަށާއި، ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށްއޮތް ދެ ހަފްތާގައި މާލެ ސަރަހައްދުގެ މިސްކިތްތައްވެސް ހުޅުވާލަން އަދި ހަމަޖެހިފައި ނުވަކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއަށްއޮތް ދެ ހަފްތާގައި ސްކޫލްތައް ބަންދުވާނެ ކަމަށާއި، އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭނެ ކަމަށާއި، ޕާކްތަކާއި، ގެސްޓްހައުސްތައްވެސް ބަންދުވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ލުއިދޭން ނިންމާފައިވާ ކަންކަން އިޢްލާން ކުރައްވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ނުދިޔައީ، ދުރާލާ ރާވައިގެން އެޅި ހަރުދަނާ ފިޔަވަޅުތަކާއި، ވަރުބަލިކަމެއްނެތި އެތައްބަޔަކު ކުރި ބުރަ މަސައްކަތުންނާއި، ރައްޔިތުން ދެއްކި ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ބަލި ފެތުރޭ ނިސްބަތް ދަށްކުރެވި، އަލަށް ފެންނަ ކޭސްތައް ނިސްބަތުން ދަށްކުރެވިފައި ވީނަމަވެސް، މިބަލިމަޑުކަމުގެ ނުރައްކާ ނެތިގެނެއް ނުދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ މިހާރު މިފަށަނީ މުޅިން އާ މަރްހަލާއެއް ކަމަށާއި، ބަލިން ރައްކާތެރިކަން ލިބުން ބިނާވެގެންވަނީ ފިޔަވަޅުތަކަށް އަމަލުކުރާ ނިސްބަތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.