• ކުރިއަށްއޮތް މަރްހަލާގައި އެފަދަ އެއްބާރުލުމެއް ދިނުން ވަރަށް މުހިންމު: ޑރ. ނަޒްލާ

ވޭތުވެދިޔަ 6 ހަފްތާގެ ލޮކްޑައުންގެ ތެރޭގައި އަދި އޭގެކުރިން ކޮވިޑް-19 ބަލި ކޮންޓްރޯލްކުރުމަށް އަޅާފަހުރި ފިޔަވަޅުތަކަށް އާންމު ރައްޔިތުންނާއި، އެކިއެކި މުއައްސަސާތަކުންނާއި، ވިޔަފާރިތަކުންނާއި ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑެތި އެއްބާރުލުންތަކެއް ދެއްވާފައިވާތީ އެ ހުރިހާ ފަރާތްތަކަށް ޑރ. ނަޒްލާ ރަފީގު ޝުކުރު އަދާކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުދަދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ގޭގައި ބަންދުވެފައި ތިބެންޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ބަންދުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ގިނަ ގެއްލުންތަކާއި ދަތިތަކާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެކަން ފާހަގަކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް، ލޮކްޑައުންގެ ހާލަތު އިޢްލާންކޮށް އެޅި ފިޔަވަޅުތަކަކީ، ބަލި ކޮންޓްރޯލްކުރުމަށް އަދި ބައްޔަށް ފަރުވާކުރުމަށް ތައްޔާރުވުމަށް ފުރުސަތު ހޯދަންޖެހޭތީ އަދި ކޮންޓްރޯލުން ނައްޓައިގެންދާ ވަރަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހުނު ފިޔަވަޅުތަކެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންވެ، ބަލި ފެތުރުން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނީތީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށް ހުރިހާ ފަރާތްތަކަށް ޑރ. ނަޒްލާ ޝުކުރު އަދާކުރެއްވިއެވެ.

ހަމަ އެއާއެކު، ދެން ކުރިއަށްއޮތް ތަނުގަވެސް، ބައްޔާއެކު އުޅެން ދަސްކުރާއިރު، އުޅެން މަސައްކަތް ކުރާއިރުގައި އެފަދަ އެއްބާރުލުން ބޭނުންވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން، ލޮކްޑައުން އެއްކޮށް އުވާލަނީކީނޫން. މަޑުމަޑުން ލޮކްޑައުންއަށް ލުއިދޭން މިފަށަނީ. އެއްކޮށް ދޫކޮށްލައިފިއްޔާ އަނެއްކާވެސް އަޅުގަނޑުމެންނަށް އަތު ނުޖެހޭވަރަށް، އަތް ނުފޯރާވަރަށް ކޭސްތައް އިތުރުވެގެން ދާނެކަން އެންމެނަށްވެސް ގަބޫލުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ މަޑުމަޑުން، އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވޭ މިންވަރަށް ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދިނުމަށް"
ޑރ. ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ، ލުއިދޭން ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ގައިޑްލައިންގައިވެސް ވާގޮތަށް ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން، ފުރަތަމަވެސް ހުންނަނީ ސިއްހީ ކަންތައްތައް ކަމަށާއި، ލުއިތައް ދޭންވާނީ ސިއްހީ މިންގަނޑުތަކާ އެއްކޮށް އިޖުތިމާއީ ކަންކަމަށާއި، އިގްތިސާދީ ކަންކަމަށްވެސް އަދި ހިއުމަން ރައިޓްސްއާ މިކަހަލަ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ލޮކްޑައުންއަށް ލުއިދޭން މި ފަށަނީ، އެފަދަ ކަންކަމަށްވެސް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ލޮކްޑައުން ލުއިކުރުމުގެ ކަންތައްތައް ދާނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށާއި، ބުރާސްފަތި ދުވަހު މިފަށަނީ ފުރަތަމަ ފޭސްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފުރަތަމަ ފޭސްވެސް އޮތީ ދެބަޔަކަށް ބަހާލެވިފައި ކަމަށާއި، އެއީ، ފުރަތަމަ 2 ހަފްތާ އަދި އޭގެފަހުން އިތުރު 2 ހަފްތާ ކަމަށް ވިދާޅުވިއެވެ. ފަހު ދެހަފްތާ ކޮންމެވެސް ވަރަކަށް ކުރީ ދެހަފްތާއާ ތަފާތުތަކެއް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށްމިއޮތް 4 ހަފްތާގަ އަޅާ ފިޔަވަޅުތައް ނުވަތަ ދޫކޮށްލާ ކަންތައްތައް ދޫކޮށްލާއިރު ކޮންމެހެން ބަލަންޖެހޭ މުހިންމު ކަންތައްތަކެއް ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ބަލި ޖެހޭމިންވަރު ކޮންޓްރޯލް ކުރުމަށް ވަރަށް ބަލައިގެން، ސަމާލުކަން ދީގެން ކަންކަންކުރުން ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން، މާސްކްއެޅުން، ގައިދުރުކަން ބެހެއްޓުން، އަތްދޮވުމާއި، ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ބެހެއްޓުން، ސާފުތާހިރުކަމަކީ ލުއިދޭއިރު ސަމާލުވާންޖެހޭ ކަންތައްތައް ކަމަށް ވިދާޅުވިއެވެ. ލޮކްޑައުންއަށް ލުއިދޭއިރު އަޅާ ފިޔަވަޅުތައް ބިނާވެފައި ވަނީވެސް މިކަންތައްތައް ކުރުމުގެ މައްޗަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިކަންކަން ފުރިހަމަ ކުރެވޭތޯ ޔަގީންކުރުމަކީ ވަކިވަކި ފަރުދުންވެސް، މުއައްސަސާތަކުންވެސް އޮފީހަކުންވިޔަސް، ވިޔަފާރިއަކުންވެސް، ހުރިހާ ފަރާތެއްގެވެސް ޒިންމާއެއް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.