ސ. މީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސ. މީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާ ކުރަން އުޅުނު މައްސަލައެއް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ މި މަހުގެ 26 ވަނަ ދުވަހު މަސްތުގެ ހާލަތުގައި ހުރެ ގެޔަކަށް ވަދެ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ލ. ގަމު ގެޔަކަށް މަސްތުގެ ހާލުގައި ހުރި މީހަކު ވަދެ 20 އަހަރުގެ އަންހެނަކާއި މެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރަށް ކަރަންޓީނު ފެސިލިޓީއެއްގައި މަސައްކަތް ކުރާ އަންހެން ނަރުހަކަށް ފިރިހެން ފުލުހަކު ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.