ކޮވިޑް-19 ބަލިޖެހޭ މީހުންނަށް މެލޭރިއާ ބޭސް ދިނުން ފަރަންސޭސި ސަރުކާރުން މަނާކޮށްފިއެވެ.

މެރިއާ ބަލިޖެހޭ މީހުންނަށްދޭ "ހައިޑްރޮކްސިކްލޮރޮކުއިން" ބޭސް، ކޮވިޑްބަލި ޖެހޭމީހުންނަށް ދިނުން ފަރަންސޭސި ސަރުކާރުން މަނާކުރީ، އެ ބޭހާމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި، އެ ބޭހުގެ ނުރައްކަލާ ބެހޭގޮތުން ފެތުރިފައިވާ ރިޕޯޓްތަކާ ގުޅިގެންނެވެ.

ފަރަންސޭސި ސަރުކާރުން މެލޭރިއާ ބޭސް ބޭނުންކުރުން އެއްކޮށް މަނާ މިކުރީ، ސިއްހީ ކަންކަމުގައި ސަރުކާރަށް މަޝްވަރާދޭ ފަރަންސޭސި ދެ އިދާރާއަކުން އެ ބޭހާމެދު ދިން އިންޒާރުތަކާއި، އަދި އެ ބޭހާ ބެހޭގޮތުން މި ހަފްތާގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ނިންމާފައިވާ ނިންމުންތަކާ ގުޅިގެންނެވެ.

ކޮވިޑް-19 ބަލިޖެހޭ މީހުންނަށް ފަރުވާއެއްގެ ގޮތުގައި މެލޭރިއާ ބޭސް ދެވިދާނެތޯ ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ކުރަމުންދިޔަ މަސައްކަތްތައް މިހަފްތާގައި ވަނީ ހުއްޓާލާފައެވެ.

ޑަބްލިޔޫއެޗްއޯއިން އެ މަސައްކަތް ހުއްޓާލީ، އެ ބޭހުގެ ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަންތައްތަކެއް، ދިރާސާތަކުން ހާމަވުމާ ގުޅިގެން ކަމަށް ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައިވެއެވެ.

ޑަބްލިޔޫއެޗްއޯއިން އިޝާރާތްކޮށްފައިވާ ދިރާސާތަކުގެ ތެރޭގައި މިދިޔަ ހުކުރުދުވަހު އާންމުކުރި ދިރާސާ ރިޕޯޓްވެސް ހިމެނެއެވެ. އޭގައި ބުނެފައިވަނީ، ކޮވިޑް-19 ބަލިން ރަނގަޅުކުރަން މެލޭރިއާ ބޭސް ދިނުމުން ބަލިމީހާ މަރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.

މިއީ، ކުރީގެ ދިރާސާތަކުންވެސް ހާމަކޮށްފައިވާ ނަތީޖާއެކެވެ.

ފަރަންސޭސި ސަރުކާރުންވެސް ބުނެފައިވަނީ، މެލޭރިއާ ބޭހުގެ ނުރައްކާތެރިކަން އެތައް ހޯދުންތަކުން ދައްކާފައިވާ ކަމަށެވެ.

ފަރަންސޭސި ސަރުކާރުން އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވަނީ، މެލޭރިއާ ބޭސް އެގައުމުގައި ދެން ބޭނުންކުރެވޭނީ ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް ބޭނުންކުރެވިދާނެތޯ ބެލުމަށް ކުރިއަށްގެންދާ ކްލިނިކަލް ޓްރަޔަލްސްގައި އެކަނިކަމަށެވެ.

މެލޭރިއާއާ ދެކޮޅަށްދޭ ބޭހަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ބޭހެކެވެ. ޓްރަމްޕް އެކަން ކުރައްވާއިރުވެސް އެމެރިކާގެ ސިއްހީ އިދާރާތަކާއި، ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ އެކަން ނުކުރެއްވުމަށް ޓްރަމްޕަށް ދަންނަވަމުންނެވެ.

އެމެރިކާގެ އެންމެ ފުންނާބުއުސް ސައިންސްވެރިން ހެދި ދިރާސާތަކުންވެސް ދައްކާފައިވަނީ މެލޭރިއާ ބޭހަކީ ރައްކާތެރި ބޭހެއް ނޫންކަމަށެވެ.

ޓްރަމްޕްގެ އިތުރުން، ދުނިޔޭގައި ދެވަނައަށް އެންމެ ގިނަމީހުންނަށް ކޮވިޑް-19 ބަލިޖެހިފައިވާ ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ އަކީވެސް މެލޭރިއާ ބޭސް ވަރަށް ބޮޑަށް ޕްރޮމޯޓްކުރައްވާ ބޭފުޅެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ އިންޒާރުތަކާ އެކުވެސް ބްރެޒިލްގެ ހެލްތު މިނިސްޓްރީން ގެންދަނީ ބަލިޖެހޭ މީހުންނަށް މެލޭރިއާ ބޭސް ދިނުމަށް އަންގަމުންނެވެ.