ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިންނަމަވެސް އެ ބަލީގެ ނުރައްކާ އަދި ބޮޑުތަނުން ލުއިނުވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފުރަބަންދަށް ލުއި ދެވުނުނަމަވެސް ކޮވިޑް-19 ގެ ނުރައްކާ އަދި ބޮޑުތަނުން ލުއިނުވާ ކަމަށެވެ.

އެހެންކަމުން ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެ، ކޮންމެހެން ނިކުންނަން ނުޖެހޭނަމަ ނުނިކުތުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަދި ގެއިން ބޭރަށް ނިކުތުމަށް ދީފައިވާ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށްވެސް މިނިސްޓަރ ކުރެއްވި ޓްވީޓުގައިވެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތާއު ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން މިހާތަނަށް އަޅަފައިވާ ފިޔަވަޅުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ގޭބީސީތަކުން އާންމުން ބޭރަށް ނުކުމެ އުޅޭ ވަގުތު އިތުރުކުރުމާއި، ބޭރަށް ނުކުމެވޭ އަދަދު އިތުރުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭންކިންގެ ޚިދުމަތް ދެވޭނެ ގޮތްތަކާއި، ކެފޭ ރެސްޓޯރަންޓައި، ތެކްސީގެ ޚިދުމަތާއި އެނޫންވެސް ގިނަ ފިޔަވަޅުތަކަކަށްވެސް ވަނީ ލުއިތަކެއް ދޭން ނިންމާފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި ލުއި ދީފައިވާ ކަންކަމުން ނިކުންނަ ނަތީޖާތަކަށް ބަލައި ކުރިއަށް އޮތްތަނުގައި އިތުރު ލުއިތަކެއް ދިނުމާ ދޭތެރޭ ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.