މި މޭމަހުގެ ތެރޭގައި ނިޔާވި ތުއްތު ކުދިންތަކެއްގެ މައްސަލަ ތަހުގީގު ކޮށްދިނުން އެދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މެމްބަރު ޝިޔާމް ފޮނުވި ސިޓީގައި ވަނީ، މެއިމަހުގެ ތެރޭގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެހާދިސާއަކާއި އަދި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުން ލަސްވުމުގެ ސަބަބުން ހަތަރުމަހުގެ ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އެގޮތުން މެއި މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫއިން މާބަނޑު އަންހެނަކު އެއަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެނދިޔުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އަދި ތޮއްޑޫގައި މާބަނޑުމީހާއަށް ފަރުވާލިބޭނެ ގޮތްނުވެ ދަރިފުޅު ބަނޑަށް ނިޔާވިކަމަށް މައުލޫމާތު ލިބިފައިިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އަދި މެއިމަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫ އިން މާބަނޑު އަންހެނަކު ވިހަންދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ށ. ފުނަދޫ ހޮސްޕިޓަލުން އޭނާ ވިހެއުމަށް ގެންދަން ހުއްދަ ނުލިބި އެންމެފަހުން ށ. މިލަންދޫއިން އޭނާ ކުޅުދުއްފުއްށީ ހޮސްޕިޓަލާ ހަމައަށް ގެންދެވުނުއިރު ދަރިފުޅު ވަނީ ބަނޑުގައި ނިޔާވެފައި ކަމަށެވެ.

މީގެ އިތުރަށް މެއިމަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރުމަހުގެ ކުއްޖާ ނިޔާވެފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާކަމަށް މެމްބަރު ޝިޔާމު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ކުރަންޖެހޭ ހާލަތެއް ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބުނީ ކުއްޖާ ނިޔާވި ފަހުން. އެހެންކަމުން އެ ކުއްޖާއަށް ބޭނުންވި ފަރުވާ ވަގުތުން ނުދެވި ގިނައިރު ވެފައިވާ ކަމަށް އާއިލާއިން ބުނެ."
މެމްބަރު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު މިފަދަ ސިޓީއެއް މަޖިލީހުގެ ރައީސަށް ފޮނުވާފައި ވާއިރު އޭޑިކޭގައި ފަރުވާދެމުންދަނިކޮށް 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން އެހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތްވާ ގޮތުގެމަތިން ތަފްސީލް ރިވިޔުއެއް ހަދަން ފަށާފައިވާ ކަމުގައި އޭޑިކޭއިން ވަނީ ހާމަކޮށްފައެވެ.

އޭޑީކޭއިން ނެރުނު ބަޔާނެއްގައި ވަނީ އެ ތުއްތުކުއްޖާ ހޮސްޕިޓަލުގެ އެމަރޖެންސީއަށް ގެންދިއުމާއެކު އެމަރޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފަޔާއެކު ކުއްޖާގެ ފަރުވާ ކުރިޔަށް ގެންދަވާފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ބަލި ދެނެގަތުމަށްޓަކައި އަލްޓްރާސައުންޑާއި ސީޓީ ސްކޭންވެސް ހަދާފައިވާކަމަށާ، ކުއްޖާގެ ޙާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އެމަރޖެންސީ ފިޒިޝަނަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދީފައިވާ ކަމަށެވެ.

ނަމަވެސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައިކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.