ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ މާލީ ދަރަނި 2021 ވަނައަހަރުވެސް ފަހަނަޅައިގެން ގޮސްދާނެކަމަށް ދުނިޔޭގެ އިޤުތިޞާދީ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ. މިއީ ދިވެހިރާއްޖެއަށްވެސް ކުރިމަތިވާނެ ވަރަށް ބޮޑު އިޤުތިޞާދީ ހީނަރު ކަމަކަށް ވެގެންދާނެއެވެ.

މި ވަބާއަކީ ހަނގުރާމައަކާއ އެއްވަރުގެ އެއްޗެއްކަމަށް ސިފަކުރެވިފައިވާއިރު ދުނިޔޭގެ ކޮންމެ ރައްޔިތަކު ކުރިމަިލާން ޖެހިފައިމިވަނީ އަނެއް އިންސާނަކާ ނޫނެވެ. އެހެންނަމަވެސް ބައްޔަކާ ދެކޮޅަށެވެ. ޖަރާސީމަކާ ދެކޮޅަށެވެ.

ހަނގުރާމައެއްފަދައިން މިވަބާ ގެންދަނީ އިޤުތިޞާދުތަކުގެ އާބާތުރަ ފިލުވައި އޭގެ ސިފަތައް ބަދަލު ކުރުވަމުންނެވެ. އަދި ޢާންމު ހޭދަ ގުނަކުރުމަށް މަޖުބޫރުކުރުވަމުން މާލީ އެހީތެރިކަމަށް އެދި ގޮވަމުންނެވެ. ޢާންމު ދަރަންޏާއި މަރުކަޒީ ބޭންކުތަކުގެ ކަސްރު ހިސާބުތައް ބޮޑު ވަޞިއްޔަތަކަށް ހަދައިލައިގެންނެވެ.

މީގެ މާނައަކީ ދަރަނީގެ ވަށާބުރުޖެހުން ނިމިގެންދާނީ ލާދައާއި ހިސާބުންތޯ ކުރެވޭ ސުވާލު ތޯއެވެ؟ ނުވަތަ ދަރަނީގެ މައްޗަށް ދަރަނި ބޮޑުވެ ފައިސާގެ އަގު ދަށްވެ މުދަލުގެ އަގު އިންތިހާއަށް އަރައިގެންދިއުން ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. ނަމަވެސް މިއީވެސް ފުރުޞަތު އޮތްކަމެކެވެ.

ނިކަން މުޠާލިޢާކޮށްލައްވައި ބައްލަވާށެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު 1923 ވަނަ އަހަރު ހައްދުފަހަނަޅައިދިޔަ ލާދައިގެ ތެރޭގައި ޖަރުމަނުގެ މަދަނީ ހަނގުރާމައިގެ ލާދަ އަތްނުފޯރާ ހިސާބަށް ދިޔައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިވިލާތަށް ހިންދެމި ނުލެވި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 250 އިންސައްތައިގެ މާލީ ދަރަންޏެއްގެ ތެރެއަށް ދިޔައެވެ. އެކަމަކު މެދު މިންވަރުގެ ލާދައެއްގެ ތެރޭގައި އެކަމުން އަރައިގަތުމަށް އެހީތެރިކަން ލިބުނެވެ.

އެހެންވީމާ މިހާރު މިވަނީ ކީއްހެއްޔެވެ؟ އަހަރެމެން ފަށަންވާނީ ފުރަމަ މަރުޙަލާގެ ހާލަތުންނެވެ. އަހަރެމެން މި ހާލަތުގެ ތެރެއަށްގެންދިޔައީ ކިހިނެއް ހެއްޔެވެ. މިވަބާގެ ތެރެއަށް އަހަރެމެން ދިޔައިރުތިބީ ވަރަށް މަތީ ދަރަޖައެއްގެ ފަރުދީ ދަރަންޏެއްގެ ތެރޭގައެވެ. ވަރަށް ކުޑަ އިންޓަރެސްޓު ރޭޓަކާއެކު އެހެންނަމަވެސް އެއްވަރެއްގައި ހިފެހެއްޓިފައި އޮތްހެންހީވާ ކަހަލަ ކުޑަކުޑަ ލާދައެއްގެ ތެރޭގައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމުގެ ތެރޭގައި އެންމެ މަތީން އާމްދަނީ ލިބެމުންދާ ޖީ 7 ގެ ޤައުމުތަކުގެ ތެރެއިން 1945 ވަނަ އަހަރު އިނގިރޭސިވިލާތް އޮތްވަރުގެ ދަރަންޏާއި ގާތްކުރާ ހިސާބެއްގައި ދަރަނިވެރިފައި އޮތް ޤައުމެއް ނެތެވެ. ނަމަވެސް ޖަޕާނުގެ ނަޤުދު ދަރަނި އޮތީ އެޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ 154 އިންސައްތަ ބޮޑު ކޮންނެވެ. އިޓަލީ 121 އިންސައްތައިގެ ދަރަންޏެއްގައެވެ.

އެހެންނަމަވެސް ކޮވިޑް-19 އަކީ ބޮޑު ހަނގުރާމައެއްގެ ފަހަތުން އައިސްފައިވާ އިޤުތިޞާދީ ހިތްދަތިކަމުގެ އަސަރުތަކާ ތަފާތު އިޤުތިޞާދީ އަސަރުތަކެއް ކުރިމަތިކުރުވަމުންދާ ވަބާއެކެވެ. ހަނގުރާމަތަކަކީ މާއްދީ އިޤުތިޞާދުތައް އަލުން ވިލަރެސްކޮށް ފަރުމާކުރުވާ އެއްޗެކެވެ. މާއްދީ ރައުސުމާލުތައް ފުނޑުފުނޑުކޮށްލައި ފެނަށް ހަދައިލާއެއްޗެކެވެ.

ކޮރޯނާވައިރަސް މިވަނީ އިޤުތިޞާދުތައް ކުރުގަޅުވައިލާ ނަރުފިލާގަނޑަކުން ދަމައިލާހެން ހިމަކޮށްލައި ދަމައިލައިފައެވެ. އިންސާނުންގެ މެދުގައި ގައިދުރުކަމެއްނެތި އޮތުމަށް ބުރަވާ، ބޭނުންވާ ތަކެއްޗާއި ބޭނުންޖެހޭ ތަކެތި އަަދި ތަކެއްޗަށްޖެހޭ ބޭނުންތައްވެސް ފިތްތައިލައިފައެވެ. ޠަބަޢީ އިޤުތިޞާދު ނުތަނަވަސްކަމުގެ ތެރެއަށް ވައްޓައިލައިފައެވެ.

ދުނިޔޭގެ އަރަނި ދަރަނީގެ ތަފާސްހިސާބުތައް ދިރާސާކޮށް މިންގަނޑުތައް ކަނޑައަޅާ މޫޑީޒް އިންވެސްޓްމަންޓް ސަރވިސަސްއިން ބުނެފައިވަނީ ދިވެހި ރާއްޖެއަށް އިޤުތިޞާދީ ހީނަރުކަން ކުރިމަތިވެފައިވާ ގޮތަށް ބަލާއިރު ދިގު މުއްދަތެއްގެ ތެރޭގައިނޫނީ އިޤުތިޞާދަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި އިޤުތިޞާދީ މިންގަނޑުން އެމީހުން ދިވެހިރާއްޖެ މިންކުރެވިފައިވާ ބީ2އިން ބީ 3އަށް ދިވެހިރާއްޖެ ދަށް ކުރެވިފައިވާ ކަމަށެވެ.

މިގޮތަށް ދިވެހިރާއްޖޭގެ ޠަބަޢީ އިޤުތިޞާދީ މުސްތަޤުބަލު ކަނޑައެޅުމުގައި ބަލައިފައިވާ ކަންކަމުގެ ތެރޭގައި ކޮވިޑް-19އިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުއްލިއަކަށް އެރި ބޮޑު ލޮޅުން ފާހަގަކޮށްފައިވެއެވެ. ބުނެފައިވަނީ މިވަބާގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤުތިޞާދީ ޙަރަކާތްތައް އެކަހެރިކޮށްލައި ސަރުކާރުންކުރާ ހޭދަތައް ނުތަނަވަސް މުސްތަޤުބަލެއްގެ ބިރުވެރިކަމެއްގެ ތެރެއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ބޭރާއި އެތެރޭގެ މާލީ ބަލިކަށިކަމެއްގެ ތެރެއަށް އިތުރަށް ދިވެހިރާއްޖެ ފައްތައިލާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން ޖުމްލަކޮށް އިޤުތިޞާދީ ހޭހަންކުރުމާއި ޙަރަކާތްތަކުގެ ހަރުދަނާކަން ދެމެހެއްޓުމުގައި ސިޔާސަތުތައް ތަންފީޒުކުރުމާއި ބައްޓަން ކުރުމުގެ ސިފަތައް އެސިޔާސަތުގެ ތެރޭގައި ދެމެހެއްޓުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

އަދި މާލީގޮތުން ހުރި ގޮންޖެހުންތަކުން ގެއްލުންތައް ލިބުނަ ނުދިނުމަށް އަޅައިފައިވާ ފުޅައްތައް ބަލިކަށިވެ ދަރަންޏާއި އުފެއްދުންތެރިކަމުގެ މަންފާގެ ހަމަހަމަކަން ގެއްލި ދިއުމުގެ ޙާލަތު ކުރިމަތީގައި އެބައޮތެވެ.

ކުރިއަށްއޮތް ދުވަސްތަކަކީ އިޤުތިޞާދީ ދަތިކަމުގެ އަސަރުތައް އެންމެ ބޮޑުވާނެ ދުވަސްތަކެވެ. ދައުލަތަށް ޓެކުހުންލިބޭ އާމްދަނީ މަދުވެފައި ޞިއްޙަތާއި އިޖުތިމާޢީ ހޭދަތަކަށް ބާރު ބޮޑުވެގެންދިއުން އިތުރުވެ ދަރަނީގެ ނިސްބަތަށް އެކަމުގެ އަސަރުތައް ފެންނަން ފެށުން ހިމެނެއެވެ.

ކުޑަކުޑަ ނަޞީބަކާއި އެތައް ޢިލްމެއްގެ އެހީގައި މިހާރުވެސް ދުނިޔެއިން މަސައްކަތްކުރަމުން ގެންދަނީ ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށެވެ. ފަހަރެއްގައި މާ ދުރުނޫން މުސްތަޤުބަލެއްގައި ވެކްސިނެއް ލިބިދާނެކަމުގެ އުއްމީދު މިވަނީ ބޮޑުވެފައެވެ.

އެހެންނަމަވެސް މިވެކްސިނަކީ ކޮންމެހެން ހުރިހާ ބަލިމަޑުކަމެއް ފިލުވައިލަދޭނެ ނުވަތަ ބަލިމަޑުކަމުގެ ގިނަ އަސަރުތައް ހުއްޓުވާނެ އެއްޗެއްނޫނެވެ. ޢާންމުންގެ ޚިޔާލަށް ވެކްސިން ފެންނަނީ ހުރިހާ ބަލިމަޑުކަމެއްގެ ޝިފާއެއް ކަމަށެވެ. މިސާލަކަށް ހިމަބިހީން ސަލާމަތްކުރާ ވެކްސިނަކުން އެބަލި ދުވަހަކުވެސް ނުޖެހޭނެ ކަމަށް ހީކުރެވޭ ފަދައިންނެވެ.

އެހެން ނަމަވެސް އެފަދަ ވެކްސިންތަކާއި ޚިލަފަށް ކޮވިޑް ވެކްސިން ތަރައްޤީ ކުރެވިގެންދާނީ ހުމުގެ ރޯގާފަދަ ރޯގާތަކުން ދިފާޢުކޮށްދޭފަދަ އެއްޗަކަށެވެ. އެއީ ބަލި ޖެހުން ކުޑަކޮށްދިނުމަށް މަސައްކަތްކުރާ އެއްޗެއްގެ ގޮތުގައެވެ. ނުވަތަ ބަލީގެ ނުރައްކާ ބޮޑުވުމުން ކުޑަކޮށްދޭނެ އެއްޗެއްގެ ގޮތުގައި ކަމަށް އެތައްއެތައް ތަޖުރިބާކާރުންނެއް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19 މިވަނީ ކޮންމެވެސް ސިފައެއްގައި ޢާންމު ދިރިއުޅުމަށް ފުލުފުލުގައި ޙަމަލާތަކެއް ދީފައެވެ. ޚާއްޞަކޮށް ހަތަރުފާރުން އެތެރޭގެ ދިރިއުޅުމަށެވެ. ދުނިޔޭގައި އެންމެ ބާރަށް އަދި އެންމެ ބޮޑުކޮށް ފަތުރަމުންދިޔަ ނުރައްކަލުގެ މި ވަބާގެ ޙަރަކާތްތައް ހނގައިފައިވަނީ ހަތަރުފާރުން އެތެރޭގައެވެ. މީހުން ގިނައިން އެއްވާ ތަންތަނުގައެވެ. ގައިގޯޅިކޮށް ތިބެންޖެހޭ ތަންތަނުގައެވެ.

މެލޭޝިއާގެ މިސްކިތަކުންނެވެ. ދިވެހިރާއްޖޭގެ އެއަރޕޯރަޓަކުންނެވެ. ފްރާންސްގެ އޮޑިޓޯރިއަމަކުންނެވެ. މެސަޗޫސެޓްސްގެ މަހާސިންތާއެއްގެ ތެރެއިންނެވެ. މިވަބާގެ ނުރައްކާ ފެތުރިގެންފައި މިވަނީ އެބައުޅޭމިބައުޅޭ ވާހަކައަށްވުރެ ބޮޑަށް ހަތަރުފާރުން އެތެރޭގައި ފާޅުވެގެންވާ ޙަޤީޤަތެއް ފަދައިންނެވެ.

ހޮންގު ކޮންގުގެ ނޫހަކުން ބުނެފައިވާ ގޮތުގައި މިފަދަ 7324 މައްސަލަ ޢަރުޝީފަށްލެވޭ ފަދަ ލިޔުންތަކުގައި ވަނިކޮށް ޗައިނާއިން ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ހަތަރުފާރުން ބޭރުގައި މިވަބާ ފެތުރިގެންފައިވާކަމަށް ފާހަގަ ކުރެވިފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ. އެއީވެސް ކުޑަ އަވަށެއްގައި ބަޔަކުމީހުންގެ ޢާންމު އެއްވުމެއް ނުވަތަ ހޮޅުއަށީގެ ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ. އެހެންވީމާ މިވަބާ ފެތުރުމުގެ ނުރައްކާ، ހާމަތަނެއްގައި ނުވަތަ ހާމަ ވައިގެތެރޭގައި ފެތުރުމަށްވުރެ ހަތަރުފާރުން އެތެރޭގައި 19 އިންސައްތަ އިތުރުކަމަށް ޖަޕާނުންކުރި ދިރާސާއެއްގައި ބުނެއެވެ. ނަމަވެސް އެއީ ގޭބިސީއެއްގެ ހަތަރުފާރުން އެތެރެކަމަށް ދެކިގެން ނުވާނެއެވެ.

ދެކުނު ކޮރެއާގައި މި ވަބާ ފެތުރިގަތްތާ 50 އަށްވުރެ ގިނަދުވަސްވެފައިވާއިރު ލޮކްޑައުނަށް ލުއިދީގެން ތިއްބައި ކުއްލިއަކަށް އަނެއްކާވެސް ގިނަބަޔަކަށް ވައިރަސް ޖެހިގެން މ ހިނގާ މޭމަހުގެ 29 ވަނަ ދުވަހު އެޤައުމުންވަނީ ލޮކްޑައުންގެ އަމުރުތައް އަލުން އިޢާދަކޮށްފައެވެ. އަދި ވެރިރަށް ސޯލްގައި ހުޅުވައިލުމަށް ހުއްދަދިން ޢާންމުން އެއްވާ ހުރިހާތަނެއް ކަހަލައިން އެއްކޮށް ބަންދުވާނެކަން އިޢުލާންކޮށްފައި ވެއެވެ. އަދި ޢާންމުން ބޭރަށް ނިކުމެ ނޫޅުމަށާ ކުންފުނިތަކުގައި ވަޒީފާއަދާކުރާ މީހުންގެ ތެރެއިން ބައްޔެއްވެއްޖެ އެއްވެސްމީހަކު ވަޒީފާއަށް ނުނިކުތުމަށް އެންގުމަށް އޮފިޝަލުން ވަނީ އަމުރު ކުރައްވައިފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން އެތައް އެތައް ޝޮކެއް މުޅި ދުނިޔޭގެ މުޖުތަމަޢަށް މިވަނީ އައިސްފައެވެ. ޚާއްޞަކޮށް އިޤުތިޞާދީ އިންޖީނުތަކުގެ އެކިއެކި ސޯބުތައްވަނީ ހުއްޓިފައެވެ.

އދ.ގެ މުއައްޒަފުންނާއި، ނުވަތަ ވަޒީފާއާއިބެހޭ ޖަމިއްޔާ އައިއެލްއޯއިން އިންޒާރުކޮށްފައިވާ ގޮތުގައި ޒުވާނުންނަށް ކުރިމަތިކުރުވައިފައިވާ ގިނަ ޝޮކްތަކަކީ އެމީހުންގެ މަސައްކަތުގެ ޙަޔާތުން އެކަހެރިކުރުވައި ބުރުވައިލެވިފައިވާ ބަޔަކަށް ހަދައިފާނެ އެއްޗެކެވެ. އެއީ ލޮކްޑައުން ޖީލެއް އުފެއްދުންފަދަ ކަމެއްކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯރގަނައިޒޭޝަނުން ބުނެއެވެ.

މިޖަމިއްޔާއިން ބުނެފައިވަނީ ޢުމުރުން 18 އަހަރާއި 29 އަހަރުގެ ޒުވާނުންގެ ކޮންމެ ހަމީހަކުން އެކަކަށްވުރެ ގިނަ މީހުންގެ ވަޒީފާ ކޮރޯނާވައިރަސް ފެތުރިގަތުމާއެކު ނިމުމަކަށް އަތުވެއްޖެ ކަމަށެވެ.

މިއީ 2019 ވަނަ އަހަރުންފެށިގެން ވަޒީފާއެއްނެތި ނުވަތަ ވަޒީފާ ގެއްލިފައިތިބި ޒުވާނުންގެ ތެރެއަށް އިތުރުވި 14 އިންސައްތަ ކަމަށް އައިއެލްއޯއިން ނެރުނު ކޮވިޑް 19 އާއި ގުޅިގެން ދުނިޔޭގެ މަސައްކަތްތެރީންނަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ނެރުނު 4 ވަނަ ރިޕޯރޓުގައި ވަނީ ބުނެފައެވެ. އަދި ވަޒީފާނެތް ޒުވާނުންގެ ނިސްބަތަކީ އެހެން ޢުމުރުފުރާގެ ވަޒީފާ ނެތް މީހުނަށްވުރެ މަތީ ނިސްބަތެއް ކަމަށް އައިއެލްއޯއިން ފާހަގަކޮށްފައިވެއެވެ.

މިއަދު ދުނިޔޭގައި ކޮރޯނާވައިރަސްޖެހިފައިވާ މީހުންގެ ޢަދަދު 5.6 މިލިއަނަށް އަރައިފައިވާއިރު 351،146 ވަނީ މި ވަބާގައި މަރުވެފައިކަމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތަކުން ހުކުރު ވިލޭރޭގެ މެންދަމު 1 ޖެހުމާއި ހިސާބަށް ދައްކައެވެ.