ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހޭ މުއްދަތަށް ނުބޭއްވި ކައުންސިލްތަކުގެ ދައުރު ހަަމަވެ، އައިސްދާނެ ޤާނޫނީ ހުސްކަން ފޫބެއްދޭނީ، ގާނޫނުއަސާސީ އަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ޤާނޫނު އިސްލާހުކޮށްގެން ކަމަށް ނިންމައި ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އިސްތިޝާރީ ލަފާ ދީފި އެވެ.

މި ލަފާ އެންމެ މަތީ ކޯޓުން ދީފައި މިވަނީ، ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު، އެކަމުގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ވަރަށްބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. މި މައްސަލައިގައި މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން އަދި މަޖިލީހުގަިއ ތިއްބެވި ޤާނޫނީ ބައެއް މެންބަރުން ވަނީ މި ހާލަތަކީ ޤާނޫނުއަސާސީއެއް އިސްލާހު ގެނެސްގެންވާނެ ވަގުތެއް ނޫން ކަމަށް ބުނެފައެވެ.

މި ޚިޔާލު ތަފާތުވުންތަކާއެކު މި މައްސަލައިގައި ނިކުންނާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން، މަޖިލީހުން މިމަހުގެ 29 ވަނަ ދުވަހު އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުއްވި އެވެ. އަދި އެ ކޯޓުން މިއަދުގެ ވަގުތެއްގައި މިވަނީ އިސްތިޝާރީ ލަފާ ނެރުއްވާފައެެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުދާން އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ޢާއިޝާ ޝުޖޫން މުހައްމަދު އަދި، މަޙާޒު ޢަލީ ޒާހިރާއި، ޙުސްނުއް ސުޢޫދު ދެއްވި އިސްތިޝާރީ ލަފާގައި ވަނީ، ފަނޑިޔާރު ހުސްނުއް ސުޢީދު ހުށަހެޅުއްވި ރައުޔަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުދާން އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ޢާއިޝާ ޝުޖޫން މުހައްމަދު އަދި، މަޙާޒު ޢަލީ ތާއީދުކުރައްވާފަ އެވެ.

ޖުމްލަ 19 ސޮފްޙާހެ މައްޗަށް އެކުލެވޭ މި އިސްތިޝާރީ ލަފާ ގައި ވަނީ، މި މައްސަލައިގައި ކަން ހިނގާފައިވާގޮތާއި، ސްޕްރީމްކޯޓުގެ ލަފައަކަށްއެދި ހުށަހަޅާފައިވާ ނުކްތާތަކާއި، އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް، ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެ ޤާނޫނީ ހަމައަކީ ކޮބައިތޯވެސް ބަލާފައެވެ.

މީގެ އިތުރަށް، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުުރުމެއްނެތި، ޤާނޫނު ނަންބަރ 22/2029 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އިސްލާހު ކުރުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލައެއް އޮތްތޯ ވަނީ ބަލާފައެވެ.

މީގެ އިތުރަށް މި ލަފާގައި ވަނީ، އުއްތަމަ ފަނޑިޔާރާއި، ދެން ތިއްބެވި ފަނޑިޔާރުންގެ ރަޢުޔުވެސް ވަކިވަކިން ހިމާނުއްވާފައެވެ. އަދި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ނިންމުމުގެ ގޮތުގައި ވަނީ، ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި ޤާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމަށެވެ.

ސްޕްރީމްކޯޓުގެ އިސްތިޝާރީ ލަފާގެ ނިންމުގައި ތަފްސީލްކޮށް ބުނެފައިވަނީ، ކޮވިޑް-19 ރޯގާ އާއި ގުޅިގެން ދިވެހިރާއްޖެއަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގައި އެ ބަލިމަޑުކަމާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުގެ ސަބަބުން 4 އޭޕްރީލް 2020ގައި ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހުމާއި ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އައު އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާގޮތަށް ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބައިކަމާއި، އަދި ޤާނޫނުއަސާސީގެ 231ވަނަ މާއްދާގައި ހުރިހާ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އިންތިޚާބުކޮށްފައިވާގޮތް ބަޔާންކޮށްފައިވާއިރު، އި މާއްދާ އިސްލާހުކުރުމެއްނެތި، ގާނޫނުގެ ނަންބަރު 22/2019 ((ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން އިސްލާހުގެނެސް، މިހާރު އިންތިޚާބުފައިތިބި ކައުންސިލް އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ޤާނޫނީ މައްސަލަތަކުގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުން އެދިފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވަނީ، ގާނޫނުގެ ނަންބަރު 22/2019 ((ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އަށް އިސްލާހުގެނައުމުގެ ބިލްގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް އިސްލާހުގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން، ޤާނޫނުއަސާސީގެ 231ވަނަ މާއްދާގެ ނައްސަށް އިސްލާހުގެނެސް ނުވަތަ ޤާނޫނުއަސާސީގެ 231ވަނަ މާއްދާގެ ނައްސައް ބަދަލުގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލްކުރުމަށް، ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމަނައި އެގޮތުން ގެނެވިދާނެ ކަމަށެވެ.

މީގެ އިތުރަށް އެ އިސްލާހު ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަންދެން 3 ޖޫން 2017ގައި މަޤާމާއި ހަވާލުވި ކައުންސިލަރުން އެ މަޤާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން ނޫންގޮތަކަށް، 4 އޭޕްރީލް 2020ގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަންޖެހުމާއި ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށްވެސް، އެންމެމަތީ ކޯޓް، ސްޕްރީމް ކޯޓްގެ ލަފާގަިއ ބުނެފައިވެއެވެ.