ކުޑަކުދިންނަކީ ޚާއްސަ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ބޭނުންވާ ބައެކެވެ. އެއީ އަޅުގަނޑުމެންގެ ލޮލުގެ ނޫރެވެ. ކޮވިޑް-19 ގެ ވަބާ މުޅި ދުނިޔޭގައި ފެތުރެމުންދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ މީހުންގެ ތެރޭގައި ވެސް ކުޑަކުދިން ހިމެނެއެވެ. މި ބަލި ރާއްޖެއާ ހަމައަށްވެސް އައިސް ވެރިރަށް މާލެ އެއްކޮށް ފުރަބަންދުކޮށް އަދި އެހެން ބައެއް ރަށްތަކަށް ވެސް ބަލީގެ އަސަރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން މަޖުބޫރުވެފައިވާއިރު ކުޑަކުދިންނަށް ވެސް މިވަނީ ކޮއްޓެއްގައި ބަންދުވެގެން އުޅޭހެން އުޅެން ޖެހިފައެވެ.

ކުޑަކުދިންނަކީ އެކުދިންގެ ޒާތުގައި ވެސް މިނިވަންކަމާއި ހަމަޖެހުމަށް ވަރަށް ބޭނުންވާ ބަޔަކަށް ވީނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކުޑަކުދިންގެ އުފާވެރިކަމާއި ހަމަޖެހުން ވެސް މިވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އާންމުކޮށް ރޯދަމަހު ރޯދަކުރުކޮށްލަން މައިންބަފައިންނާއެކު ޖަހާ ފިނިބުރު ޖަހާލަން ވެސް ފުރުސަތު ނުލިބި މުޅި ރޯދަމަސް ގޭތެރޭގައި ތިބުމަށްފަހު ފިތުރުއީދު ވެސް ހޭދަކުރަން ހުރިހާ ކުދިންނަށް ޖެހުނީ ގޭތެރޭގައެވެ.

މާޗު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ ސްކޫލް މާހައުލުން ލިބޭ އުފަވެރިކަމުން ވެސް ކުޑަކުދިން ވަނީ މަހުރޫމްވެފައެވެ. މިގޮތުގައި ދެމަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު، ހުކުރަކަސް ހޮނިހިރަކަސް ކުޅެލައި ދުވެލައި މަޖާކޮށްލަން ޕާކަކަށް ނުވަތަ މައިޒާނަކަށް ވެސް ދެވޭކަށެއް ނެތެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަސް ވެސް މިފަހަރު ބައްދަލުކުރީ ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ހުރިހާ ކުޑަކުދިން ގޭތެރޭގައި ބަންދުވެފައި ތިއްބައެވެ. އެދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިބަލިން ކުޑަކުދިން ރައްކާތެރިކުރުމާއެކު، އެކުދިންނަށް ހުރިހާގޮތަކުންވެސް އުފާވެރި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ރަގަޅު ކާނާއާއި ތައުލީމާއި އަނިޔާއިން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އަމާޒަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު އަދި ސަރުކާރުން އެކަމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. މީގެ ތެރޭގައި އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭއިރު ހެލިފެލިވެނޫޅެވޭ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ނުކުރެވޭ ތުއްތުތުއްތު ކުދިންނާއި ޖުމުލަކޮށް ހުރިހާ ކުޑަކުދިންވެސް މިކަމުން ރައްކާތެރިކުރުމަށް އެޅުނު ހުރިހާ ފިޔަވަޅެއް އެޅުމަކީ ބޮޑެތި މީހުންގެ ޒިންމާއެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ކުޑަކުދިން ވެސް ހަތަރުފާރުތެރޭ ތަޅުލެވިގެން މާޔޫސްކަންމަތީ ދުވަސްތަކެއް ވޭތުކުރުމަށްފަހު މިހާރު މިވަނީ ކޮންމެވެސް ވަރެއްގެ އުންމީދުތަކެއް ލިބިފައެވެ. މާލޭގެ ފުރަބަންދަށް ސަރުކާރުން ލުއިތަކެއް ދީފައިވާއިރު، ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުޑަކުދިންނަށް ކޮންމެވެސް ވަރަކަށް ބޭރަށްނުކުމެ އުޅުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ. އެހެންކަމުން އަދި ދެހަފުތާއެއްހާ ދުވަސް ފަހުން ފަތިހު 5:00 އިން 8:00 އަށް ޚާއްސަ ހުއްދައެއްގެ ދަށުން ބޭރަށް ނުކުމެވޭނެއެވެ. ނަމަވެސް އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ ޖޫން މަހުގެ 14 ގައި ކަމަށް ސަރުކާރުން ބުނެއެވެ.

ފިރިމީހާއަކީ އިސްސަފުގައި މަސައްކަތްކުރާ މީހަކަށް ވާތީ ނުވަތަ އެހެންވެސް ސަބަބަކާހުރެ، އެއްއުމުރެއްގެ ދެތިންހަތަރު ކުދިން ގޮވައިގެން އެކަނިމާއެކަނި ފުރަބަންދު ކަޑައްތުކުރަމުންދާ އެތައް މަޔަކު ވެސް އެބަތިއްބެވެ. އަދި އެތައް ކުދިންނެއް ގޮވައިގެން އަލިފާންފޮއްޓެއްހާވަރު ކުޑަ ގޮޅިއެއްގައި މި ހިތްދަތި ދިރިއުޅުން ތަހަންމަލް ކުރަންޖެހިފައިވާ އެތައް ބަޔަކު ވެސް އެބަތިއްބެވެ. ކުރިއަށް އޮތް ދެހަފުތާތެރޭ ކުޑަކުދިން ގޮވައިގެން ކޮންމެވެސް ވަރަކަށް ބޭރަށްނުކުމެ އުޅުމުގެ ފުރުސަތު ލިބުމަކީ އެފަދަ އާއިލާތަކަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ. ޚާއްސަކޮށް މާލޭގައި އުޅޭ ކުޑަކުދިން ތިބީ ފަތިހު ފިންޏަށް ވެސް ނިކުމެލައި ހިތަށްފިނިކަމެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.