ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރޭނިންގ ސްކޫލްގައި ހިންގާ އެކިއެކި ތަމްރީނުތަކުގައި ބޭނުން ކުރުމަށް ލައިވް ފަޔަރ ސިމިއުލޭޓަރއެއް ފަރުމާކޮށް އެ ސެމިއުލޭޓަރ ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް ނެޝެނަލް ޑިފެންސްއިން ބުނީ މި މަސައްކަތަކީ ތިން މަސްދުވަހުގެ ބުރަ މަސައްކަތުން ހަދާފައިވާ ތަނެއް ކަމަށާއި މި ލައިވް ފަޔަރ ސިމިއުލޭޓަރއަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ.

މި ލައިވް ފަޔަރ ސިމިއުލޭޓަރ ބޭނުންކޮށްގެން އެ ޓްރޭނިންގ ސްކޫލްގައި ހިންގާ ތަމްރީނުތަކުގައި ފަޔަރ ފައިޓަރުންނަށް ބޭނުންވާ ތިން ސްކިލް ކަމަށްވާ ފަޔަރ ބިހޭވިއަރ އާއި ވެންޓިލޭޝަންގެ އިތުރުން އެންޓްރީ ޓެކްނިކްސް ކިޔަވާދެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ސެމިއުލޭޓަރ ފަރުމާކުރެވިފައި ވަނީ ތަމްރީނުދޭ މުދައްރިބު އޭގެތެރޭގައި ހުރެގެން ތެލާއި އަދި ގޭހުގައިވެސް އަލިފާން ރޯކޮށް، އެ ރޯކުރާ އަލިފާން އެކި މިންވަރަށް ބޮޑުކޮށް އަދި ކުޑަކޮށް ހަދައި ދަރިވަރުންނަށް އޭގެ ތަފާތު ދައްކާލެވޭގޮތަށް ކަމަށާއި މިސިމިއުލޭޓަރ އަކީ ވަރަށް ބައިވަރު ފަހަރު އަލިފާން ރޯކޮށްގެން ލޭޔަރ ފޯމްކުރަންޖެހޭ އެއްޗަކަށްވާތީ މި ސެމިއުލޭޓަރ ހެދުމުގެ މަރުހަލާގައި ވަރަށް ގިނަ ޓެސްޓްތައް ވަނީ ކުރެވިފައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލުމާތުދެއެވެ.

މި ލައިވް ފަޔަރ ސިމިއުލޭޓަރ ބޭނުން ކުރަން ފެށުމަށް ވިލިމާލޭގައި ހުންނަ ފަޔަރ އެންްޑް ރެސްކިއު ޓްރޭނިންގ ސްކޫލްގައި މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދީފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް އަބްދުﷲ އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި އެ ސިމިއުލޭޓަރ ބޭނުންކުރާނެ ގޮތުގެ ތަމްރީނެއްވެސް ވަނީ ދައްކާލާފައެވެ.