ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބަންގްލަދޭޝްގެ އިތުރު 195 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ދަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއަރލައިންގެ މަތިންދާ ބޯޓުތަކުގައި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވަމުންނެވެ.

އެގޮތުން މިއަދު 195 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ އިރު އިއްޔެވަނީ 198 މީހަކު ގައުމަށް ފޮނުވާލާފައި ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. މިމީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މީގެކުރިން ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރަަަަަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝް ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި ބޮޑުވާންފެށި ހިސާބުން ބިދޭސީންގެ މެދުގައި މިބަލި ފެތުރި ކޮންޓޯލް ނުކުރެވޭ ހިސާބަށް ހިނގައިދާނެތީ ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ބިދޭސީ މީހުނަށް ޚާއްސަކޮށްގެން ފެސިލިޓީތައް ގާއިމްކޮށް އެތަންތަނަށް ގިނަ އަދަދެއްގެ ބިދޭސީން ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.