ކޮވިޑް-19 އަށް ވެކްސިންއެއް ތައްޔާރުކުރެވިއްޖެނަމަ، އެވެކްސިން ހުރިހާ ގައުމަކަށްވެސް ލިބޭނެގޮތް ހެދުމަކީ މުހިންމު ކަމެއްކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ސްވިޒްލޭންޑްގެ ޖެނީވާގައި ވާރޗުއަލްކޮށް އިއްޔެ ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވައި ދެއްވި ބަޔާނުގައެވެ.

މިނިސްޓަރުގެ ބަޔާނުގައި ވަނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ކޮނޯރާ ވައިރަސްއަށް ފަރުވާއެއް ނުވަތަ ވެކްސިންއެއް ތައްޔާރު ކުރެވިއްޖެނަމަ، ތަރައްގީ ވެފައިވާ ގައުމުތަކާއި ވަސީލަތްތައް މުއްސަނދި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެފަދަ ތަރައްގީ ވަމުންއަންނަ ގައުމުތަކަށްވެސް ފަރުވާ ނުވަތަ ވެކްސިން ލިބެންވާނެކަމަށް ވިދާޅުވެފައެވެ.

މިކަމުން އަރައިގަނެވޭނީ ހަމައެކަނި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްގައުމުން އަނެއް ގަޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެން."
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މި ކޯލް ޓު އެކްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 34 ޤަޢުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، ބައްދަލުވުމުގައި އެކަމަށް ތާއީދުކޮށް ހުރިހާ ގައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީގެ ބޭނުން ހިފޭނެގޮތް ހެދުމަށާއި މައުލުމާތު ބަދަލުކޮށް ކޮވިޑް-19ގެ ކަންކަމުގައި އެއްގައުމުން އަނެއްގައުމަށް އެއްބާރުލުން ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެއިން ބައިވެރިވާނޭކަމަށް މިނިސްޓަރގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސޮލިޑަރިޓީ ކޯލް ޓު އެކްޝަންއަކީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔު.އެޗް.އޯއާއެކު ކޯވިޑް-19 ގެ ކަންކަމުގައި ހެލްތް ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލްއެއް އެކުލަވާލައި، އެއަށް ހުރިހާ ގައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮލާވާ ގޮވާލުމެކެވެ.

ކޯލް ޓު އެކްޝަންގައި ގައުމުތަކުގެ ބޮޑުވަޒީރުންނާއި، ސިއްހަތާއިބެހޭ ވަޒީރުންނާ ދުނިޔޭގެ ސިއްހީ ދާއިރާ އަދި ފަންނީ އެހެން ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.