ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައިދާނޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ދެވަނަ ދައުރަށް އެއް އަހަރު ފުރުމާ ދިމާކޮށް މޯދީ ނެރުއްވި ހުޅުވާލެވިފައިވާ އާންމު ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ބައްޔާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމައިގައި ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެ މައްސަލަތަކަކީ، އިންޑިއާގެ އާބާދީގެ ބިޔަކަމާއި، ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ސިޓީގައި، އިންޑިއާގެ ބޮޑުވަޒީރުވަނީ، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އާދައިގެ މަސައްކަތްތެރިންނާއި، ހިޖުރަވެރި މަސައްކަތްތެރިންނަށް ބޮޑެތި ގެއްލުންތައް ލިބި، ބޮޑެތި އެތައް ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމޭރުމުން ވާހަކަ ދެއްކެވިއިރު، އިންޑިއާގައި ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދުދަނީ ހައްތަހާ އިތުރުވަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިންޑިއާއިން 7،964 މީހުން ޕޮޒިޓިވްވެފައި ވެއެވެ. މިއާއެކު، އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 174،020 އަށް އަރާފައެވެ.

ބަލީގައި މިހާތަނަށް 5،000 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެބޮޑު ލޮކްޑައުންއެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ އެންމެ ގިނަދުވަސްވީ ލޮކްޑައުންވެސް މެއެވެ.

އިންޑިއާގައި ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގެ މުއްދަތު މެއިމަހުގެ 31 އާ ހަމައަށް ދިގު ދަންމާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް، މައި ސަރުކާރުގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މެއި 31 ގެ ފަހަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފާނޭ ކަމަށެވެ.

ބަލީގެ ހާލަތު ގޯސްވަމުންދިޔަ ނަމަވެސް އިންޑިއާ ސަރުކާރުން ގެންދަނީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ފަށާފައެވެ.

އެގޮތުން، މެއިމަހުގެ 25 އިން ފެށިގެން އެތެރޭގެ އުދުހުންތަކަށް ވަނީ ހުޅުވާލާފައެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން ވިޔަފާރިތައް ހުޅުވައި، އެއްގަމާއި ވައިގެ ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިވާއިރު، ޚާއްސަ ރޭލު ދަތުރުތަކެއްވެސް ފަށާފައިވެއެވެ.