ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ފުވައްމުލަކުން ނެގި ރެންޑަމް ސާމްޕަލްތައް ނައްސިވެއްޖެ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ފުވައްމުލަކުގެ އާބާދީގައި ކޮވިޑް-19 ބަލި ފެތުރޭތޯ ބެލުމުގެ ގޮތުން ޓެސްޓް ކުރުމަށްޓަކައި ނެގި 100 މީހެއްގެ ސާމްޕަލް ނައްސިވެފައިވާ ކަމަށެވެ. ފުވައްމުލަކުން ރެންޑަމްކޮށް ސާމްޕަލް ނެގީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށް އެ ރަށު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އަދި މި މަސައްކަތް ކުރީ ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްގައި އެކުލަވާލާފައިވާ ރެޕިޑް ރެސްޕޮންސް ޓީމް RRT އިން ކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގެ މޭނޭޖަރ އަހުމަދު ސައީދު ވަނީ ވީނީއުސްއަށް ދެއްވި އިންޓަވިއުއެގެއްގައި ވިދާޅުވެފައެވެ. އެގޮތުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހޮސްޕިޓަލުގެ އިތުރަށް ރަށުގެ އެކިއެކި ސަރަހައްދުތަކުގައާއި ބައެއް ގޭގެއަށް އާރުު.އާރު.ޓީ ގޮސްގެން ކަމަށްވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުން ވަނީ މިކަމުގައި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ކުރިއަށްއޮތް ތަނުގައިވެސް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައްމަތީ ތިބުމަށް އެދޭ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.