މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރުން ކާޑު ދޫކުރަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ގޮތުން ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚި ދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހަމައެހެންމެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވާތީ، ދުވާލަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށް ކަމަށެވެ.

ޖޫން މަހުގެ ފުރަތަމަ ދެހަފުތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު އޭގެ ކުރީ ދުވަހު ލިބޭނެ ކަމަށެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދީއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށެވެ.

455 އަށް އެސްއެމް ކުރުމުން އެޕޮއިންޓްމަންޓްގެ ކަންކަން ހަމަޖެހޭނެ ކަމަށް ބެންކުން ބުނެއެވެ. ކާޑު ނެގުމަށް އެދި 455 އަށް އެސްއެމްއެސް ކުރާއިރު، ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް، އައިޑީކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، ނަން އަދި މިހާރު އުޅޭ އެޑްރެސް، ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައި ލިޔުމަށް ވަނީ އެދިފައެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން "ޕަރމިޓް" ފޮނުވާނެ ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް ވަޑައިގަތުމަށް އެދޭ ކަމަށް ބޭންކުން ބުނެއެވެ.

ކާޑު ނެންގެވުމަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންކަމުގެ ތެރޭގައި މާސްކު އެޅުން، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން، އަމިއްލަ ގަލަން ގެންދިއުން، ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން ހިމެނެއެވެ.

ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ވަޑައިގަންނަވަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކާޑު ނެންގެވުމަށްޓަކައި އެސްއެމްއެސްކުރެއްވުމުން ހަމަޖެހޭނެ ކަމަށާއި މިގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.