ތ. ގުރައިދޫގައި ތޫނުއެއްޗަކުން ހަމަލާދިނުމުން މަރުވި ބިދޭސީ މީހާ މަރުވި އިތުރު ބިދޭސީއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މި މެއި މަހުގެ 12 ވަނަ ދުވަހުގެރޭ 00:45 ހާއިރު ތ. ގުރައިދޫގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ، މިހާތަނަށް ހިންގި ތަހުގީގުން މި މިއްސަލައިގެ ތުހުމަތު ކުރެވެނީ، 22އ. ގެ ބަންގްލަދޭޝް މީހެއްގެ މައްޗަށް ކަމަށެވެ.

އެ މީހާ މަރާލާފައި ވަނީ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންކަން މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން، ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި، ހޯދައި ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މެއި 21 ވަނަ ދުވަހުންފެށިގެން ހުރީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މެއި މަހުގެ 21 ވަނަ ދުވަހުގެރޭ ބިދޭސީ މީހާގެ މަރާލާފައިވާއިރު، އިތުރު މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ހަމަ އެރޭ މެންދަމުން އަލިވެ 3:12 ހާއިރު ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެެވެ. އަދި އޭނާ އަށް އެރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފައެވެ.

ބެލެވޭ ގޮތުގައި، 21 ވަނަ ދުވަހުގެރޭ މަރާލި ބިދޭސީ މީހާގެ މަރުގެ ތުހުމަތު ފުލުހުން ކުރަނީ، ޒަހަމްވެގެން ފަރުވާދިން ބިދޭސީ އަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.