• 35 ދުވަހަށްފަހު ށ. ނަރުދޫ އާންމު ހާލަތަށް ގެނެސްފި
  • ޕޮޒިޓިވްވި މީހުންގެ އަދަދު 1،672 އަށް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 401 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ދެދުވަހުގެ ތެރޭގައި އިތުރު އެތައްބަޔަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން އިއްޔެނޫން ކުރީދުވަހު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ 242 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

އޭގެފަހުން، އަޕްޑޭޓެއް ލިބުނީ މިރޭގެ ޕްރެސްގައެވެ.

ބަލިން ފަސޭހަވި މީހުންގެ އަދަދު 401 އަށް އަރާފައިވާކަން ހާމަކުރި ނަމަވެސް، ވަކިވަކި މީހުންނާބެހޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މީގެއިތުރުން، މަބްރޫކް ހާމަކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ރޭ 00:00 އިން ފެށިގެން މިރޭގެ ޕްރެސްއާ ހަމައަށް އަލަށް 81 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް އެންމެފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 39 މީހުންނެވެ.

މިއާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،672 އަށް ވަނީ އަރާފައެވެ.

އެކްޓިވް ކޭސަސްގެގޮތުގައި މިވަގުތު ތިބީ 1،264 މީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މޮނިޓަރިންގ ހާލަތަށް ގެނައި ށ. ނަރުދޫ މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.

ނަރުދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. ނަރުދޫއިން 11 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންގެ ހާލަތު ފިޔަވައި، އަތޮޅުތެރެއިން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ރަށްތަކުގެ ތެރެއިން ހާލަތު އުވާނުލައި އަދިއޮތީ ނ. މަނަދޫ އެކަންޏެވެ.

އެންމެފަހުން، މޮނިޓަރިންގެ ހާލަތު އުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ށ. ނަދުރޫގެ އިތުރުން، ހއ. ތަކަންދޫ، ށ. މިލަންދޫ، ކ. ހިންމަފުށި އަދި ކ. ތުލުސްދޫއެވެ.