މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޚިދުމަތް ދެމުންދާ ތިން ރަށެއްގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިއުލާންކުރެވިފައިވާ ފުރަބަންދާ ގުޅިގެން މާލެ ސިޓީގެ އިތުރަށް އެ ކުންފުނިން ޚިދުމަތް ދެމުންދާ ރަށްރަށުގައި ދެމުންދާ ބައެއް ޚިދުމަތްތައް ވަނީ މެދުކަނޑާލެވިފައި ކަމަށެވެ. ނަމަވެސް ފުރަބަންދަށް ސަރުކާރުން ގެނައި ލުއިތަކާ ގުޅިގެން އެކުންފުނިން ޚިދުމަތް ދެމުންދާ ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގައި މިއަދުން ފެށިގެން އެ ކުންފުނިން ދޭ ހުރިހާ ޚިދުމަތެއް ކުރިއެކޭ އެއްފަދައިން ލިބެމުންދާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިތިން ރަށުގައި ދެމުންދާ ޚިދުމަތްތައް ކަމާބެހޭ ފަރާތްތަކުން އެހެން ގޮތެއް އަންގަންދެން މެދުނުކެނޑި ލިބެމުންދާނެ ކަމަށެވެ. އަދި މާލެ ސިޓީގައި ޚިދުމަތްތައް އާންމު އުސޫލުން އަލުން ފެށުމުން އާންމުކޮށް އެކަން އަންގާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މާލެ ސަރަހައްދު ފުރަބަންދުކުރުމުން ވަރަށް ގިނަ ޚިދުމަތްތައް ވަނީ މެދުކެނޑިގެން ގޮސްފައެވެ. އަދި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައެވެ. ނަމަވެސް މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު އާންމު ގިނަ ޚިދުމަތްތަކެއް ފެށުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.