ކެންސަރުބަލީގެ މީހަކު ފަރުވާނުލިބި އައިޖީއެމްއެޗުގައި ނިޔާވެފައިވާ ކަމަށް ދެކެވޭ ވާހަތަކައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ވަނީ ބަލިމީހާ ނިޔާވުމާ ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސައްހަ ނޫން ވާހަކަތަކެއް ދެކެވެމުންދާކަން ފާހަގަކޮށް ބުނެފައިވަނީ ބަލިމީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށާއި ނިޔާވީ ފަރުވާއެއް ނުލިބި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަދުވަސް ފަހުން ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ.

ބަލިމީހާ އެންމެ ފުރަތަމަ އެ ހޮސްޕިޓަލަށް ދައްކާފައިވަނީ މެއިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުން އައިޖީއެމްއެޗަށް އެ ކޭސް ރިފަރ ކޮށްފައިވަނީ ވެސް އެޑްވާންސްޑް ކެންސަރ ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގެ ގޮތުގައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލުން އާންމުކޮށް ދޭ ގިނަ ޚިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީނަމަވެސް ލަސްތަކެއް ނުކޮށް ސީޓީ ސްކޭނެއް ހަދައި ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ ދެން ދިމާވެދާނެ ކަންކަން ވެސް އާއިލާއަށް ކިޔައިދީފައިވާނެއެވެ. ފަރުވާގެ ކަންކަން ކުރިއަށްދަނިކޮށް ބަލިމީހާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރިތާ 2 ދުވަސް ފަހުން 29 މެއިގައެވެ.
އައިޖީއެމްއެޗުގެ ނޫސްބަޔާން

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުން ފަރުވާ ދެމުންދާ އެއްވެސް ބަލިމީހަކު ނިޔާވުމަކީ ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުންނަށް ވެސް ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާގެ ހިތާމައިގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށެވެ.

މިފަދަ ނާޒުކު މައްސަލަތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް، އަދި ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ޚަބަރު ފެތުރުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި ނަމަވެސް މިފަދަ ކަންކަން ރިވިއުކޮށް އިސްލާހު ކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން މިހާރު އަމަލުކުރަމުންދާ ގޮތަށްވުރެ ރަގަޅަށް ކުރެވިދާނެ ކަމެއް އޮތްތޯ ބަލައި ބަދަލުގެންނަންޖެހޭ ކަމެއް އޮތްނަމަ، އެ ބަދަލެއް އަބަދުވެސް ގެންނަމުންދާނެ ކަމަށް ވެސް އައިޖީއެމްއެޗުގެ ބަޔާނުގައި ވެއެވެ.