ގާނޫނުއަސާސީ އިސްލާހުކުރުމުގައި ސުވާލު ނުއުފެއްދޭގޮތަށް އިޖުރާއަތުތައް ފުރިހަމަ ކުރެއްވުން ވަރަަށް މުހިންމު ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕީޖީ މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައި މިވަނީ އަންނަ ޖޫން މަހުގެ ތިނަކަށް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާއިރު، ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އިންތިގާލީ ގާނޫނެއް ފާސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ރައްްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

އެގޮތުން މުހުތާޒް މުހުސިން ކުރެއްވި ޓްވީޓުގައި ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމުގައި ސުވާލު ނުއުފެއްދޭގޮތަށް އިޖުރާތުތައް ފުރިހަމަ ކުރެއްވުން ވަރަަށް މުހިންމު ކަމަށާއި ވަގުތު ވަރަށްވެސް ކުޑަ ކަމަށެވެ. އަދި މިއީ ސިޔާސީ ފައިދާ ނަގަންވީ ވަގުތެއް ނޫން ކަމަށާއި ފަހުން މި އިސްލާހާމެދު ސުވާލުއުފައްދާ ޝަރުއީ މަރުހަލާއަށް ދާން ނުޖެހޭފަދަ ގޮތަކަށް ކަންކަން ތަރުތީބުވާންޖެހޭ ކަމަށްވެސް މުހުތާޒު ކުރެއްވި ޓްވީޓުގައި ވެއެވެ.

ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިމިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވެން ނެތް ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ބުނެފައެވެ. އެގޮތުން ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މައްސަލައިިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން މަނާވާ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. މިހާރު ރާއްޖޭގައި އޮތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރެއްވި ހާލަތެއް ކަމަށްވެފައި، އެ ގާނޫނަކީ ގާނޫނުއަސާސީއަށްވުރެ ފަހުން އައި ގާނޫނެއް ކަމަށް ވާއިރު، ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދިން އިސްތިޝާރީ ލަފާގައި ވެއެވެ.

ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ މައްސަަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގައި ބައެއް މެންބަރުން ވަނީ މިއީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރަނގަޅު ވަގުތެއް ނޫން ކަމަށް މަޖީލުގެ ޖަލްސާތަކުގައި ވިދާޅުވެފައެވެ.

މި މައްސަލާގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ގައުމަށް ދިމާވެފައިވާ ސިއްހީ ކާރިސާއާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާނޫނުގައި ބުނާ މުއްދަތަށްވުރެ ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ހައްލުކުރުމުގައި ގާނޫނުއަސާސީއާއި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އެ ކޯލިޝަނުން ތާއީދުނުކުރާ ކަމަށެވެ.