• ޕޮޒިޓިވްވި މީހުންގެ އަދަދު 1،773 އަށް، މިއަދު އެކަނިވެސް 101 ކޭސް
  • ޕޮޒިޓިވް ކޭސްތައް އިތުރުވުމާއި، ދެވޭ ލުއިތަކާ ގުޅުމެއްނެތް: ޑރ. އަފްޒަލް

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 453 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

މިކަން ހާމަކުރީ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒެވެ.

ބަލިން ފަސޭހަވި ނިސްބަތަކީ، ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ 27.09 އިންސައްތައެވެ.

ޕްރެސް ކޮންފަރެންސް ފަށަމުން ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، ރަނގަޅުވާ މީހުންނާއި، ބަލީގެ ހާލަތާ ގުޅިގެން، މިރެއިން ފެށިގެން ދެން ކޮންމެ ރެއަކުވެސް ހާމަކުރާނީ އެ ދުވަހެއްގެ ހަވީރު 6:00 އާ ހަމަށް ލިބިފައި ހުންނަ އެންމެފަހުގެ މައުލޫމާތުތައް ކަމަށެވެ.

އެގޮތުން، މަބްރޫކް ވިދާޅުވީ، ރޭގެ 00:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް ރާއްޖެއިން އަލަށް 101 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،773 އަށް އަރާފައެވެ.

ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވް ކޭސްތައް އިތުރުވެގެންދަނީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމުން ނޫން ކަމަށެވެ.

އެގޮތުން ޑރ. އަފްޒަލް ފާހަގަކުރެއްވި އެއްކަމަކީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 72 މީހުންނަކީ، ކުރިން ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ކްލަސްޓަރގައި ހިމެނޭ، އެއްތަނެއްގައި ދިރިއުޅޭ ބޭރުމީހުން ކަމެވެ.

ޖުމްލަ އަދަދުގައި އިންޑިއާގެ 21 މީހުންނާއި، 8 ދިވެހިންވެސް ހިމެނޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ޕްރެސްގައި ހާމަކުރި މައުލޫމާތަށް ބަލާއިރު، މިވަގުތު އައިސޮލޭޝަންގައި ތިބީ 1،258 މީހުންނެވެ. ކަރަންޓީނުގައި ތިބީ 1،403 މީހުންނެވެ.

އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 1،313 މީހުންނެވެ.