• މުޒާހަރާތައް 75 ސިޓީއަށް ފެތުރިއްޖެ
  • 40 ސިޓީއެއްގައި ކާފިއު ހިންގައިފި، 15 ސްޓޭޓް ކުއްލި ހާލަތުގައި
  • އެތައްސަތޭކަ ބަޔަކު ހައްޔަރު

އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، މުޅި އެމެރިކާއަށް ފެތުރިއްޖެއެވެ.

އާންމުން މުޒާހަރާތައްފެށީ، އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ބޮޑު ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގެ ފުލުހަކު ކަޅު ނަސްލުގެ އާންމު މީހަކަށް މަގުމަތީގައި އަނިޔާކުރުމަށްފަހު، އޭގެފަހުން ފުލުހުންގެ ބަންދަށް އެމީހާ ގެންދިޔަފަހުން އޭނާ މަރުވުމާ ގުޅިގެން އިންސާފު ހޯދުމަށް ގޮވާލައެވެ.

މިނިއާޕޮލިސްގެ ފުލުހަކު، މަގުމައްޗަށް ވައްޓާލުމަށްފަހު ކަކުލުން ކަރަށް ފިތައިގެން އަނިޔާކުރުމުގެ ސަބަބުން މަރުވެފައިވަނީ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅުނަސްލުގެ މީހެކެވެ.

މިމައްސަލާގައި މިނިއާޕޮލިސްގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާތާ ހަދުވަސް ވެއްޖެއެވެ.

ނަމަވެސް، މުޒާހަރާތައް އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ފެތުރި، އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި، ފުލުހުންނާއި، އާންމުންގެ އެތައްބަޔަކަށް ބޮޑެތި އަނިޔާތައްވެސް ލިބިފައި ވެއެވެ. އަދި މުޒާހަރާކުރާ މީހުން ތަންތަނާއި ވެހިކަލްތަކުގައި ހުޅުޖަހައި އެންދުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

އަދި މުޒާހަރާގެ ތެރޭގައި އެތައް ވިޔަފާރިއެއް ލޫޓުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން:

އެހެން ނަމަވެސް، ފާއިތުވެދިޔަ ދެ ރެއަކީ މުޒާހަރާތައް އެންމެ ވަރުގަދަވެގެންދިޔަ ދެރެއެވެ. ބޮޑެތި އެތައް ގެއްލުންތައްވެސް ދަނީ ލިބެމުންނެވެ.

މިކަމާހެދި، އެމެރިކާގެ ސްޓޭޓްތަކުގައި މިހާރުވަނީ ނޭޝަނަލް ގާރޑް ހަރަކާތްތެރި ކުރުވާފައެވެ. މިއީ، އެމެރިކާގެ ތާރީޚްގައިވެސް މިފަދަ ކަމަކާ ގުޅިގެން ނޭޝަނަލް ގާރޑު ހަރަކާތްތެރި ކުރުވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

75 އަށްވުރެ ގިނަ ސިޓީގައި މުޒާހަރާތައް ފެށިފައިވާއިރު، މުޒާހަރާތައް ހޫނުވުމުގެ ސަބަބުން އެމެރިކާގެ 40 ސިޓީއެއްގައި މިހާރުވަނީ ކާފިއު ހިންގައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ. އަދި 15 ސްޓޭޓާއި، ވެރިރަށް ވޮޝިންޓަން ޑީސީގައިވަނީ ނޭޝަނަލް ގާރޑު ފައުޖު ރުކުރުވާލާފައި ވެއެވެ.

ކާފިއު ހިންގުމާއި، ނޭޝަނަލް ގާރޑުން މަގުތަކަށް ނެރުނު ނަމަވެސް، މުޒާހަރާގެ ބައިވެރިން ހުއްޓުވޭގޮތް ނުވިކަމަށް ވެއެވެ. ކާފިއުއަށް ބެލުމެއްނެތި މުޒާހަރާތައް ދަނީ ކުރިއަށެވެ. އަދި އިތުރު ސިޓީތަކަށް މުޒާހަރާތައް ފެތުރި ވަރުގަދަވަމުންދާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

މުޒާހަރާ ކުރަމުންދާ މީހުން ގޮވާލަމުންދަނީ ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވާ 4 ފުލުހުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި، އިންސާފު ހޯދައި ދިނުމަށެވެ.

މިނެސޯޓާގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ކޮށްފައިވާ ކަމަކީ، ޖޯޖް ފްލޮއިޑްގެ ކަރަށް ކަކުލުން ފިއްތައިގެންހުރި ފުލުހުންގެ މީހާ ވަޒީފާއިން ވަކިކޮށް އަދި ފަހުން އޭނާ ހައްޔަރު ކުރުމެވެ. މިނެސޯޓާ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ އޭނާގެ މައްޗަށް ދައުވާވެސް އުފުލާފައެވެ.

އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން:

އެމެރިކާގެ ހުރިހާ ހިސާބެއްގައި މަގުމަތީގައި މުޒާހަރާކުރަމުންދިޔަމީހުން އިއްޔެވަނީ 8 މިނެޓާއި 46 ސިކުންތުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. އެއީ، ދޮން ނަސްލުގެ ފުލުހުންގެ މީހާ، ޖޯޖް ފްލޮއިޑްގެ ކަރަށް ފިއްތާލައިގެން ހުރި ވަގުތުގެ ދިގުމިނެވެ.

އެ މަންޒަރު ބަޔަކުވަނީ ވީޑިއޯ ކޮށްފައެވެ. އަދި އާންމުން އެތައް އާދޭހެއް ކުރަމުން ދިއުމާއެކުވެސް ފުލުހުންގެ މީހާ ގުޑާވެސް ނުލިއެވެ. ނަގާފައިވާ ވީޑީއޯތަކުން ނޭވާ ނުލެވޭ ކަމަށް ޖޯޖް ފްލޮއިޑް އެތައް ފަހަރަކު ބުނި ނަމަވެސް، އޭނާގެ ހަރަކާތްތައް ހުއްޓެންދެން ފުލުހުންގެ މީހާ ހުރީ ޖޯޖްގެ ކަރުގައި ކަކޫ ޖައްސައި މަގުގެ ތާރުގަނޑާއެކު ފިއްތާލައިގެންނެވެ.

މުޒާހަރާތައް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ފެށިފައިވާއިރު، މިކަމުގައި ބައިވެރިވަނީ ކަޅު ނަސްލުގެ މީހުން އެކަންޏެއް ނޫނެވެ. ދޮން ނަސްލުގެ މީހުންވެސް ގެންދަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި އާންމުން ތަހައްމަލްކުރާ ފުލުހުންގެ އާނިޔާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

މުޒާހަރާތަކާހެދި އެމެރިކާގެ ރިޔާސީ ކިއްލާ، ވައިޓްހައުސް ސަރަހައްދުގައި މިހާރުވަނީ ބެރިކޭޑް ޖަހައި، ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަ ކޮށްފައެވެ.

ވައިޓްހައުސް ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއިން ބަޔަކު އެތަނަށް ވަދެގަތުމަށް މަސައްކަތް ކުރުމުން، މުޅި ސަރަހައްދު މިހާރުވަނީ ބަންދުކޮށްފައެވެ. އެހެންވެ، އާންމުން މިހާރު މުޒާހަރާ ކުރަމުންދަނީ ވައިޓްހައުސް ކުރިމަތީގައި އޮންނަ ލަފަޔެޓް މައިދާނުގައެވެ.

ބައެއް ސިޓީތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރޭގައި ބަޑިޖެހުމުގެ ހާދިސާތަކެއް ހިނގައި ބަޔަކު ޒަޚަމްވެފައި ވާކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ. އަދި ކުރިމަތިލުންތަކުގެ ސަބަބުންވެސް އެތައްބަޔަކު ޒަޚަމްވެފައި ވާކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އަދަދުތަކެއް އަދި ހާމައެއް ނުކުރެއެވެ.

މުޒާހަރާތަކާ ގުޅިގެން ފުލުހުން އާންމުންގެ އެތައްސަތޭކަބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ވޮޝިންޓަން ޑީސީގެ މޭޔަރު ވިދާޅުވެފައިވަނީ، މުޒާހަރާތަކުގެ ތެރޭގައި، ތަންތަނުގައި ހުޅުޖެހުމާއި، މުދަލަށް ގެއްލުންދިނުމާއި، ލޫޓުގެ އަމަލުތައް ހިންގަމުންގެންދަނީ ވަކި ގްރޫޕްތަކަކުން ރާވައިގެން ކަމަށެވެ.

މިނިއާޕޮލިސް ހައިވޭގައި އެތައްސަތޭކަބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް އެމީހުންގެ ތެރެއަށް ޓޭންކަރު ޓްރަކެއް ވަދެގަތުމުން އާންމުން ސަލާމަތް ހޯދަން ދުވަނީ:

މިނިއާޕޮލިސްގެ ހައިވޭއެއްގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ޓޭންކަރު ވައްތަރު ޓްރަކެއް ބާރަށް ދުއްވާފައިގޮސް އާންމުންގެ ތެރެއަށް ވަދެގަތް މައްސަލަވެސް ހޫނުވެފައި ވެއެވެ.

މިމައްސަލާގައި އޭގެ ޑްރައިވަރު ހައްޔަރު ކޮށްފައިވާއިރު، މީހަކަށް އަނިޔާއެއް ވީކަމުގެ ރިޕޯޓެއް ނުލިބެއެވެ. ނަމަވެސް، އެ ޓްރަކުން ސަލާމަތްވާން އާންމުން ކޮޅުކޮޅުމައްޗަށް ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

މުޒާހަރާތައް ހުއްޓާނުލައި ކުރިއަށްދާއިރު، ސްޓޭޓްތަކުގެ ގަވަރުނަރުން އޯޑަރަކަށް ސިފައިންގެ ފައުޖު އޮތީ ތައްޔާރަށް ކަމަށް ޚަބަރު ލިބެއެވެ. އަމުރު ލިބޭއިރަށް މަގުމައްޗަށް ނުކުތުމަށެވެ.

އެމެރިކާގެ ރައީސް ގެންދަވަނީ މުޒާހަރާތައް ހުއްޓުވުމުގައި ގަވަރުނަރުންނާއި، މޭޔަރުން ނުކުޅެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުންނެވެ. ފުލުފުލުން ޓްވީޓްކުރައްވަމުންނެވެ.