އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަނީ، ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކުގެ މަތިންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި ގުޅިފަޅުން ބައެއް ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ފެށުމާއެކު، އެސަރަހައްދުން ވިލިމާލޭގެ ފަރަށް ކިސަޑް އެޅި ފަރަށް ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި އެކަން ހުއްޓުވުމަށް ދަނީ ގޮވާލަމުންނެވެ.

މި މައްސަލައި އެމަސައްކަތް ކުރިއަށްދާގޮތް ބަލައި، ވިލިމާލޭގެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އުޝާމް ވިދާޅުވީ، ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކެއްގެ މަތިންކަމަށެވެ.

އެހެންކަމުބް ގުޅީފަޅު ހިއްކުމުގެ މަސައްކަތްކުރަނީ އެއުސޫލުންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރައްވާނެ ކަމަށެވެ.

މި މައްސަލައި ބަލައިދިނުމަށް އެދި، މެމްބަރު އުޝާމް މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ، ވިލިމާލޭ ފަރަކީ އެރަށުގެ އިތުރަށް، މާލޭގެ ގިނަބަޔަކުވެސް މޫދަށްއެރި ސްނޯކްލް ކުރުމާއި ތަފާތު މޫދު ކުޅިވަރުތަކަށާއި ފީލްޑް ޓްރިޕްތަކުގައި ސުކޫލު ކުދިންވެސް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.

އެހެންކަމުން އެތަން ހަލާކުވުމަކީ އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުންވެސް ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށްވާއިރު، އެފަދަ ފަރުތައް ހަލާކުވިއަ ނުދީ ބެލެހެއްޓުމަކީ ދިވެހި ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީންވެސް ލާޒިމްކުރާ ކަމެއްކަން ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން، މީ މެންބަރު އުޝާމް ވަނީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކޮށްގެން ކަމަށް ވިދާޅުވެފައެވެ.

އުޝާމް މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވަނީ، ގުޅީފަޅު ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ގެއްލުންވެދާނެ ކަމަށް އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ގެއްލުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ރިޕޯޓުގައި ލަފާ ދީފައިވާ ކަމަށެވެ.

ނމަވެސް ބޮސްކާލިސް އިން އެ މަސައްކަތް ފަށާފައިވަނީ އެ ގެއްލުންތައް ކުޑަކުރަން ފިޔަވަޅެއް ނާޅައިކަމުން، އެކަމުގ ސަބަބުން ފަރަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ފަރަށް ލިބޭނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ކަމަށް އުޝާމްގެ ސިޓީގައިވެ އެވެ.

މި މައްސަލަ ވިލިމާލޭ ދާއިރާގެ އަމިއްލަ މެންބަރު އުޝާމް މަޖިިލީހަށް ހުށަހެޅުއްވިއިރު، އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވަނީ ފަރަށް ލިބެމުންދާ ގެއްލުންތައް މޮނީޓާ ކުރަމުންދާ ކަމަށެވެ.