ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މިހާލަތުގައިވެސް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ޝަރުއީ ކޯޓުތަކަށް 45 މައްސަލައަކާއި 77 ދައުވާޝީޓު ފުރިހަމަ ކޮށްފައިވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ މޭމަހު ޕީޖީ އޮފީހުން 45 މައްސަލައެއްގައި 77 ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވަނީ އޮންލައިންކޮށް ކަމަށާއި މިކަމުން ޝަރުއީ ނިޒާމަށް ޓެކްނޮލޮޖީ ބޭނުން ކުރުމުގެ މުހިއްމުކަން ހާމަވާކަމަށް ޕީޖީގެ ޓްވީޓުގައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އޯޑިއޯ އަދި ވީޑިއޯ 4 ސިސްޓަމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ގާއިމުކުރީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގައެވެ.

މިކަން ހާމަކުރައްވާ ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ޖިނާއީ އަދުލުގެ ނިޒާމުގެ މަސައްކަތް ހުއްޓުމެތްނެތި ކުރިޔަށް ގެންދިޔުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ މި ހާލަތާއެކު އުޅެން މަސައްކަތަށް ބޭނުންވާ އޯޑިއޯ އަދި ވީޑިއޯ 4 ސިސްޓަމެއް ބަހައްޓައި އެ ސިސްޓަމްތައް ޗެކްކޮށްފައިވާކަމަށް ޕީޖީ ކުރެއްވި ޓްވީޓުގައިވެއެވެ.

ރާއްޖޭގެ އެންމެމަތީ ކޯޓް ސުޕްރީމް ކޯޓުން ޝަރީއައްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމީ ޝަރީއަތް ކުރުމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން މީގެކުރިން އެކުލަވާލާފައިވާ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގޭނެ އުސޫލުތަކެއް ބަޔާން ކޮށްފައި ވީނަމަވެސް، އެ ގަވައިދުގައިވާގޮތުން ވީޑިއޯ ކޮންފަރެންސްގައި ކުރިއަށްގެންދެވެނީ ސިއްރު ހެކިބަސް ނެގުމާއި ރާއްޖޭން ބޭރުގައިތިބި މީހުންގެ އިތުރުން އެހެން ރަށްރަށުގައި ތިބި މީހުންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކާއި އިބްތިދާއީ އަޑުއެހުންތަކެވެ.