ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ލާޒިމް ކަމެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައި މިވަނީ، އެމެރިކާގެ މިނިއާޕޮލިސްގައި، ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ މަރުވި މައްސަލަ ފެންމަތިވެފައިވާ ވަގުތެއްގައެވެ.

މިނިސްޓަރަ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެވަނީ، ފުލުހުންވެސް އަދި ޖަލުތަކުގައިވެސް ނަހަމައިން ކަންކަން ނުހިންގާނެހެން ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ވަކިވަކި އޮފިސަރުން ގާނޫނާ ޚިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނު ނަންބަރު 27/2015 ވަނަ މާއްދާގައި ބުނާ މިނިވަން މުސްތަގިއްލު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަން ލާޒިމް ކަމެއްކަމަށް އިމްރާން ކުރެއްވި ޓްވީޓުގައިވެއެވެ.

އެންއައިސީ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓު ކުރެއްވިއިރު އެންއައިސީ އާއި ސިވިލް ސާވިސް ކޮމިޝަން އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން މިހާރުން މިހާރަށް އެބޭފުޅުންގެ މަގާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ދާދިފަހުން ގޮވާލާފައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެފައިވަނީ، ކޮމިޓީން ބޭނުންވާ މައުލޫމާތު ނުދިނުމަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކޮއްގެންވާނެ ކަމެއްނޫން ކަމަށާއި، މަޖިލީހުން އެކަމައް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީވެސް އެމުއައްސަސާތައް ޒިންމާދާރު ކުރުވުން ކަމަށާއި، އެ ކޮމިޝަންތައްް ޒިމާދާރު ކުރުވުމަށް ވަގުތުން ވަގުތައް ފިޔަވަޅު ނާޅައިފިނަމަ ފަަހަރަކު މުއައްސަސާއެއް އިހުމާލުވަމުންދާތަން ފެނިގެންދާނެ ކަމަށް އީސަ ވިދާޅުވިއެވެ.

މީގެއިތުރަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ދޭން ބުނި މައުލޫމާތުތަކެއް އެންއައިސީން ދީފައި ނުވާކަމަށް އެ ކޮމެޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްވެސް ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރުމަށް ގޮވާލައި މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދު ކުރައްވާފައެވެ.