• ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1،829 އަށް
  • ބަލިން ފަސޭހަވި މީހުންގެ އަދަދު 488 އަށް
  • ނ. މަނަދޫ އާންމު ހާލަތަށް

ރާއްޖެއިން އިތުރު 56 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައެވެ.

ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭގެ ޕްރެސް ކޮންފަރެންސްއިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް އަލަށް ޕޮޒިޓިވްވެފައިވަނީ 56 މީހުން ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،829 އަށް އަރާފައެވެ.

ހަމަ އެއާއެކު، ކޮވިޑް-19 ބަލިން މިއަދު އިތުރު 35 މީހކު ފަސޭހަވެފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިއާއެކު، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 488 އަށް އަރާފައެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި މިވަގުތު އެއްވެސް ބަލިމީހަކު ނެތް ކަމަށެވެ.

ނަމަވެސް، ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިވަގުތު 12 މީހަކަށް ފަރުވާ ދެމުންގެންދާ ކަމަށާއި، އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންގެންދަނީ އައިސީޔޫގައި ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޓްރީ ޓޮޕްގައި ފަރުވާދެމުންގެންދިޔަ ބަނގްލަދޭޝް މީހަކު މިއަދު މެންދުރު 14:30 ގައި ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން، ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ނ. މަނަދޫ މިއަދުވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

ނ. މަނަދޫ އާންމު ހާލަތަށް މި ގެނައީ ބަރާބަރު 31 ދުވަސް ފަހުންނެވެ. މަނަދޫ މޮނިޓަރިންގ ހާލަތަށް ގެންދިޔައީ މިދިޔަ މެއިމަހުގެ 1 ވަނަ ދުވަހުއެވެ.