ކޮވިޑް-19 އަށް ފަރުވާދޭ މައި މަރުކަޒެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ 28 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮވިޑަށް ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި އެ ހޮސްޕިޓަލް ހިންގަމުންދާތާ އެއްމަސް ފުރިފައިވާތީ މި މުއްދަތުގެ ކާމިޔާބު ޚިދުމަތް ފާހަގަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ގައުމީ ފެންވަރުގައި ކޮވިޑް-19 އަށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޓްރީ ޓޮޕް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނީ 26 އެޕްރީލް 2020 ގައެވެ. އަދި މިކަން އެ ހޮސްޕިޓަލުގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައިވަނީ 1 މޭ 2020 ގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށްޓަކައި ބަލިމީހަކު އެންމެ ފުރަތަމަ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މެއި މަހުގެ 6 ވަނަ ދުވަހު ކަމަށާއި މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވި ޖުމުލަ 28 މީހުންނަށް ކާމިޔާބުކަމާއެކު ފަރުވާ ދީފައި ކަމަށެވެ. މިއީ ސަރުކާރުގެ އެކި ކަރަންޓީން ސެންޓަރުތަކުން އައިޖީއެމްއެޗް މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ރިފަރ ކުރެވިފައިވާ މީހުން ކަމަށެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ވެސް ހިމެނެއެވެ. މިވަގުތު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދަނީ ކޮވިޑް ބަލީގެ ޖުމްލަ 13 މީހުންނަށް ކަމަށް ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ދަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެކި ސްޓޭޖްގެ މީހުންނަށް 24 ގަޑިއިރު ހުއްޓުމެއްނެތި ފަރުވާ ކުރިއަށް ގެންދަމުންނެވެ. އެޑްމިޓްކުރެވުނު މީހުންގެ ތެރެއިން 5 މީހުންނަކީ ސީރިއަސް ކްރިޓިކަލް ކޭސްތަކެވެ. އަދި މީގެ ތެރެއިން ވެންޓިލޭޓަރުގެ އެހީ ބޭނުންވެގެން ވެންޓިލޭޓަރަށް ލެވުނު 2 މީހުން ވަނީ ފަރުވާދީ ވެންޓިލޭޓަރުން ނަގާފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގާބިލު ޓީމުން ވަނީ މިދިޔަ މަހުގައި ކޮރޯނާވައިރަހުގެ ބަލިމީހުންނަށް ބޭނުންވެފައިވާ އޮޕަރޭޝަންތަކާއި އަދި އެހެނިހެން ފަރުވާވެސް ކުރިއަށް ގެންގޮސްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބަޔާން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ގައުމަށް ދިމާވެފައިމިވާ ނުރައްކާތެރި ސިއްހީ ކާރިސާގެ މިވަގުތުގައި އެ ހޮސްޕިޓަލުން ގައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ކޮވިޑް-19ގެ ކުރީސަފުގައި ބަލިމީހުންނަށް ހުއްޓުމެއްނެތި، ވަރުބަލި ކަމަކާނުލާ އެތަކެއް ގުރުބާނީތަކަކާއެކު އެންމެ މޮޅު ފެންވަރުގެ ސިއްހީ ޚިދުމަތްތައް ގައުމަށް ފޯރުކޮށްދިނުމައްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މީގެ އިތުރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެނޫންވެސް ހުރިހާ މުވައްޒަފުންގެ ޚިދުމަތް ފާހަގަކޮށް އެފަރާތްތަކަށް އެ ހޮސްޕިޓަލުން ޝުކުރު އަދާކުރެއެވެ. އަދި މި މަސައްކަތްތަކަށް އެހީވެދޭ އެންމެހާ ސަރުކާރުގެ އިދާރާތަކާއި ޚާއްސަ ގޮތެއްގައި މިނިސްޓްރީ އޮފް ހެލްތް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމް، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓާސްކްފޯސް އަދި އައިޖީއެމްއެޗްގެ އެހީއާއި އެއްބާރުލުން ވެސް ފާހަގަކުރެއެވެ.