މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވާ މީހުން އިތުރުވަމުންދާ ކަމަށާއި މީގެ ތެރޭގައި މާލޭގެ ރަށްވެހިން ވެސް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަން ދޭން ފެށުނީ ފުރަބަންދުގެ ހާލަތު އިއުލާންކުރުމާއެކު ވަންނާނެ ތަނެއް ނެތް މީހުން މަގުމަތީގައި ތިބި ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިގެން ކަމަށާއި އެގޮތުން އިމާދުއްދީން ސްކޫލުގައި އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތިގެން ބޯހިޔާވަހިކަމަށް އެދިގެން އައި މީހުން ހިމެނޭ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ދަށުން ޑަޔަލަސިސް ނުވަތަ ކީމޯ ތެރަޕީ ހޯދުމަށް އައިސްތިބި މީހުން ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ހުޅުމާލޭ ޔޫތު ހޮސްޓެލުގައި ބައިތިއްބަން ފެށި ކަމަށާއި އެތަނަށް ވެސް މިހާރު ކުލި ނުދެއްކޭ އާއިލާތައް ލާން ފަށާފައިވާ ކަމަށެވެ. އިމާދުއްދީނާއި ދަނާލާއި ޔޫތު ހޮސްޓެލްގައި މިހާރު 80 މީހުން ބަލަހައްޓަމުންދާ ކަމަށް ވިދާޅުވިއެވެ. ކުލި ނުދެއްކިގެން ވަންނާނެ ތަނެއް ނެތި ބޯހިޔާވަހިކަމަށް އެދޭ މީހުން އިތުރުވަމުން އަންނަ ކަމަށާއި މީގެ ތެރޭގައި މާލޭގެ ރަށްވެހިން ވެސް ހިމެނޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކުލި ދެއްކޭގޮތް ނުވުން، ހަގީގަތުގައި މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ. އިގުތިސާދަށް އަންނަ ލޮޅުމާއި ވަޒީފާގެ ކަންތައްތަކަށް އަންނަ އިމްޕްލިކޭޝަންތަކުގެ ސަބަބުން އާއިލާތައް މެނޭޖްކުރުމަށް ވަރަށް ދަތިވެގެން އެބަދޭ، އާއިލާތަކުގެ ފައިސާ ހޯދާ ފަރާތަށް ވަޒީފާގެ ހިމާޔަތް ނެތިއްޔާ. އެހެންވީމަ އަޅުގަނޑުމެންނާ ހަމައަށް އަންނަނީ ކުލި ނުދެއްކިގެން ރަށަށް ދިއުމަށް ބޭނުންވެގެން. ވަރަށް ގިނަ ބަޔަކު އެބައާދޭ. މާލޭގެ ރަށްވެހިންވެސް އެބައާދޭ މިހާލަތު މެދުވެރިވެގެން.
ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ

ޔުމްނާ ވިދާޅުވީ އޭޕްރީލް 17 އިން މެއި 31 އަށް ޖުމުލަ 220 މީހަކު ކުލި ނުދެއްކިގެން ވަގުތީ ހިޔާވަހިކަމަށް އެދި އައިސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ވަގުތީ ހިޔާވަހިކަމަށް އައިސްފައިވަނީ މެއި މަހުގެ ދެވަނަ ހަފުތާއިން ފެށިގެންނެވެ. މެއި ދެވަނަ ހަފުތާގައި 71 މީހުން، ތިންވަނަ ހަފުތާގައި 75 މީހުން އަދި ފަހު ހަފުތާގައި 41 މީހުން ވަގުތީ ހިޔާވަހިކަމަށް އައިސްފައި ވެއެވެ. މި އަދަދުތައް އަންނަނީ އިތުރުވަމުންކަން ޑެޕިއުޓީ މިނިސްޓަރު ވެސް ފާހަގަކުރެއްވިއެވެ.

ޔުމްނާ ވިދާޅުވީ ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރެއިން 86 މީހަކު މިހާރު ވަނީ ރަށަށް ބަދަލުވުމަށް ވަގުތީ ކަރަންޓީނަށް ފޮނުވިފައި ކަމަށެވެ. ރަށަށް ދާން ބޭނުންވެގެން ފަސްހާސް މީހުން ކުރިން ތިބި ނަމަވެސް މިހާރު އެއަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އާދީއްތަ ދުވަހާ ހަމައަށް 2711 މީހުން ރަށަށް ފޮނުވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކުލި ނުދެއްކިގެން ވަގުތީ ހިޔާވަހިކަމަށް އެދޭ މީހުން އިތުރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާއިރު ކުލި ނުދެއްކި މީހުން މަގުމަތިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ ބަހުސް ކޮށްފައެވެ. މިގޮތުން ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަވާނެ ގޮތަކަށް އިގްތިސާދީ ޕެކޭޖްގެ ދަށުން ލުއި ދިނުންފަދަ ކަންކަމުން، ކުލި ނުދެއްކޭ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވަނީ ހުށަހަޅާފައެވެ. ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެލަވަންސެއް ހަމަޖެއްސައިދިނުމަށް ވެސް ހުށަހެޅުނު ނަމަވެސް މަޖިލީހުން އެގޮތަށް ފާހެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މުސާރަ ކުޑަވެ ނުވަތަ ވަޒީފާ ގެއްލުންފަދަ ކަންކަން ދިމާވެ މާލީގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން އެތައް ބަޔަކަށް ޖެހިފައިވާއިރު، ކުލި ދެއްކޭނެ ގޮތެއް ނެތިގެން ބައެއް މީހުން ގެއިން ނެރޭނެކަމުގެ އިންޒާރު ގޭގެ ވެރިފަރާތުން ދީ، އަދި ބައެއް މީހުން ގެއިން ނެރެފައިވާ ކަމަށް ވެސް އެޗުއާރުސީއެމުން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް ގެތަކުގެ ވެރިފަރާތުން ކުލި ކުޑަކޮށްދީ ވަރަށް ރަގަޅު ގޮތްތަކެއް ހަދައިދީފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.