ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ފަސްކުރަން ޖެހިފައިވާއިރު، އައު ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ގާނޫނުއަސާސީއަށް މި އިސްލާހު ގެނައުމަށް ފާސްވީ 74 މެންބަރުންގެ ވޯޓުންނެވެ. މިއީ ގާނޫނުއަސާސީ އިސްލާހުކުރުމަށް ބޭނުންވާ އަދަދަށްވުރެ 8 މެންބަރުން އިތުރު އަދަދެކެވެ. ގާނޫނުއަސާސީ އިސްލާހުކުރުމަށް މަދުވެގެން 66 މެންބަރުންގެ ވޯޓު ބޭނުންވެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގައި އެކަނިވެސް 65 މެންބަރުން ތިއްބަވައެވެ.

މެންދަމު ބޭއްވި މި ޖަލްސާގައި މެންދަމުން އަލިވެ ތިނެއް ޖަހަނިކޮށް ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކުރި މި އިސްލާހާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިކަން ނިންމުނީ ރަނުން ރަނަށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާ އިންނަވާނީ އަޅުގަނޑުމެންގެ މަސައްކަތް ބައްލަވަންކަން. އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މަނިކުފާނުގެ މޭޒުކޮޅު މައްޗަށް މި ގާނޫނުއަސާސީ (ގެނެވުނު އިސްލާހުގެ ބިލު) ތަސްދީގު ކުރުމަށް އަޅުގަނޑު ފޮނުވާނަން. އަޅުގަނޑުމެން ހުރިހާ އެންމެނަށް ވެސް މިކަން ނިންމުމަށް މިލިބުނީ ވަރަށް ހަނި ފުރުސަތުތަކެއް. ވަރަށް ދަތި ޖާގަތަކެއް. އެހެންނަމަވެސް އިއްޒަތްތެރި ހުރިހާ މެންބަރުންނާއި މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާ އެކުގައި އަޅުގަނޑުމެންނަށް މިކަން މިނިންމުނީ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ވަދަވެރި ޕާޓީތަކަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ އެބޭފުޅުން އުންމީދުކުރެއްވި ގޮތަށް އިހުތިޖާޖު ހިނގައި ނުދިޔައީ ކަމަށެވެ. އެއްވެސް ބާވަތެއްގެ ސިޔާސީ ހަރަކާތެއް ނަމަ، ދެތިން ކުޅި ކުރިއަށް ވިސްނަވާލައްވާފައި ނޫނީ އެކަންކަމުގެ ތެރެއަށް ނުކުމެވަޑައިނުގަތުމަށް ވެސް އިދިކޮޅު ޕާޓީތަކަށް އިލްތިމާސްކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއިން

ރައީސް ނަޝީދު މިމޭރުމުން އިދިކޮޅު ކޯލިޝަނަށް ރައްދުދެއްވާފައިވާއިރު، ގާނޫނުއަސާސީގެ އިސްލާހު އިދިކޮޅުން ލަސްކުރީ ކަމަށް ވިދާޅުވެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅަށް ޕީޕީއެމްގެ ނާއިބުރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުރަސްއެޅުއްވުމުން އޭނަގެ ނަން އިއްވައި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އިސްލާހުގެ ބިލު ބޮޑެތި ޚިޔާލުތަފާތުވުންތަކަކަށްފަހު ފާސްކޮށްފައިވާއިރު، އޭގައި ހިމެނެނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރުކުރުމަށެވެ. މިހާލަތުގައި ގާނޫނުއަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލެވޭނެ ގޮތެއް ހޯދިދާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ. އެންމެ ފަހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދި، މަޖިލީހުން ބިލުގެ މަސައްކަތް ނިންމާލާފައި މިވަނީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ލަފާ ދިނުމުންނެވެ.

އައު ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާއިރު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅީ އޭޕްރީލް މަހުގެ ތެރޭގައި އައު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހިޔަނި އިންތިޚާބަށް އެޅި މިހިސާބަށް އައީއެވެ.