މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގުމަކީ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުގެ ތެރޭގައި ހިމެނޭކަމެއްނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މުހުސިން މިހެން ވިދާޅުވެފައި މިވަނީ ގާނޫނު އަސާސީއަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ރޭ ބެއްވި ޖަލްސާގައި ގިނަ މެމްބަރުންތަކެއް ހަމަނުޖެހުންތަކެއް މަޖިލީހުގެ ތަޅުމުގައި ހިންގާފައިވާ ވަގުތެއްގައެވެ.

ރޭގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް މަޖިލީހުގެ މެމްބަރުންނަށް އަމާޒުވެފައިވާ މިވަގުތުގައި މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި މަޖިލީހުގައި ހިނގާފައިވަނީ ދެރަވަރު ހާދިސާއެއް ކަމަށާއި ހުތުރު އަދި ލަދުވެތި އަމަލު ތަކެއް ކަމަށެވެ.

އެއީ މަޖިލީހުގެ ގަވައިދުން ބޭރުން ހިންގާފައިވާ އަމަލުތަކެއް."
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން

ކުރީގެ ޕީޖީ މިފަދައިން ވިދާޅުވިއިރު ރޭގެ މަޖިލީހުގެ ޖަލްސާ އާއި ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހް ގެނެސް ލާމަރުކަޒީ ނިޒާމް މެދު ކެނޑުމެއްނެތި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވި މަސައްކަތައް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ބަންޑާރަ ނައިބު ކުރެއްވި ޓުވީޓްގައި ވަނީ އެއީ ރައްޔިތުންގެ މަޖިލީހުން ކުރި އިޚްލާސްތެރި މަސައްކަތެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

ރޭ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ބޭރަށް ލުމުގައި ރިޔާސަތުން އަމަލުކުރި ގޮތަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލީހުގެ ގަވައިދާ ހިލާފުވާ މެމްބަރުގެ ނަން އިއްވުމުން ބޭރަށް ނިކުތުމުގައި އެއްބާރުލުން ނުދޭނަމަ މަޖިލިސް މެދު ކަނޑާލަން ވާނެ ކަމެއް ކަމަށެވެ. އަދި އެ މެމްބަރު ތަޅުމުން ބޭރުކުރުމުގެ ހުރިހާކަމެއް ކުރަންވާނީ އެތަނުގެ ސެކިއުރިޓީން ބެލުމުގެ ދަށުންކަމަށާއި އެ އޫސުލުން ބޭރުން މެމްބަރަކު ބޭރުކުރުމަކީ ކުށެއްކަމަށް މޫސާ މަނިކުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިހާބުކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ފާސްކުރީ 74 މެމްބަރުންގެ ތާއީދާއެކުއެވެ.