ކޮވިޑް19 ގެ ބަލިމަޑުކަމާއި ކުރިމަތިލާންޖެހި، ލޯކަލް ކައުންސިލްތައް އިންތިޚާބު ތާރީޚަށް ނުބޭއްވި، އައު އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނު އަސާސީ އަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.

ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރެއްވީ މިއަދު އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ މި ބިލް މަޖިލީހުން ފާސްކުރީ، ރޭ މެންދަމު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ނެވެ.

ގާނޫނު ނަންބަރު 2019/22 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނު ނަންބަރު 22/2019 ގެ 3 ވަނަ މާއްދާއަށެވެ. އެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) އަދި (ކ)ގެ ގޮތުގައި ދެ އަކުރެއް އިތުރުކުރުމަށް އިސްލާހުގައި ވެއެވެ.

އެގޮތުން މި އިސްލާހުގައި ވަނީ 3 ޖޫން 2017ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ ޢުމުރު ހަމަވާއިރު، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި، އެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން، މިހާރު އިންތިޚާބުކޮށްފައިވާ، އަދި މަގަމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެ މީހުންގެ މަގާމުގައި ދެމިތިބޭނެކަމަށެވެ.

އަދި މި އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގަމުގައި ދެމިތިބޭއިރު، އެ މެންބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެކަމުގައިވެސް މި އިސްލާހުގައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމަތުދެއެވެ.

މިއާއެކު މިހާރު ތިބި ކައުންސިލަރުންގެ ދައުރު، ލޯކަލް ކައުންސިލް އިންތިޚާބު 2020 ބޭއްވި މެންބަރުން ހުވާ ކުރުމާއި ހަމައަށް ދިގުދެމިގެންދާނެ އެވެ.