ކުޅު ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ހުއްދަ ޖަޕާނު ސަރުކާރުން، އެގައުމުގެ ކަމާބެހޭ ފަރާތްތަަކަށް ދީފިއެވެ.

މިއީ، ބަލި ހުރިތޯ ބެލުމަށް ނޭފަތަށް ކަފަބުރެއް ކޮއްޕައިގެން ހަދާ ޓެސްޓަށްވުރެ ރައްކާތެރި އަދި ފަސޭހަގޮތެއް ކަމަށް ޖަޕާނުގެ ސިއްހީ ފަރާތްތަކުން ބުނެއެވެ.

ކުޅު ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓްކުރަން ފެށުމަކީ، ބަލި ހުރިތޯ ބެލުމަށް މިހާރު ކުރެވޭ ޓެސްޓްތަކުގެ ރޭޓު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ގޮތެއް ކަމަށް ޖަޕާނުން ބުނެއެވެ.

ޖަޕާނުގައިވެސް ކޮވިޑް-19 އަށް މިހާރު އާންމުކޮށް ޓެސްޓްކުރަނީ ނޭފަތުގެ އެންމެ ފުނަށް ކަފަބުރެއް ކޮއްޕައި، ސާމްޕަލް ނަގައިގެންނެވެ. މިއީ، ދުނިޔޭގެ އެހެން ގައުމުތަކުވެސް ޕީސީއާރް ޓެސްޓް ހެދުމަށް ކަންކުރާ ގޮތެވެ.

މިގޮތަށް ޓެސްޓްކުރުމަކީ، ސާމްޕަލް ނަގާ ސިއްހީ ފަރާތްތަކުގެ މޫނުމައްޗަށް މީހުން ކެއްސައި ކިނބިހި އެޅުމުގެ ފުރުސަތު ބޮޑު ގޮތެއް ކަމާއި، އަދި އެގޮތަށް ސާމްޕަލް ނަގަންޖެހެނީ ސިއްހީ ފަރާތްތަކުން ރައްކާތެރިކަމުގެ ގިއަރު އަޅައިގެން ތިބެގެންކަން ޖަޕާނުން ފާހަގަކުރެއެވެ.

ޖަޕާނުގެ ހެލްތު މިނިސްޓަރ ކަޓުސުނޮބު ކާޓޯ ވިދާޅުވީ، ކުޅު ބޭނުންކޮށްގެން ޓެސްޓްތައް ހެދުމުން، ކަފަބުރު ބޭނުންކޮށްގެން މިހާރު ހަދާ ޓެސްޓު ހެދުމުގައި ބަލިމީހުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ އަދި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އިދާރާތަކަށްވެސް ކުރިމަތިވާ ތުރާތައް ކުޑަވެގެންދާނޭ ކަމަށެވެ. ސިއްހީ ފަރާތްތަކަށް އޮންނަ ރިސްކްވެސް ކުޑަވެގެންދާނޭ ކަމަށެވެ.

ޖަޕާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ކުޅު ބޭނުންކޮށްގެން ޕީސީއާރް ޓެސްޓް ހަދާނީ ބަލީގެ އަލާމާތްތައް މަދުވެގެން 9 ދުވަސްވަންދެން ފެނިފައިވާ ބަލިމީހުން ކަމަށެވެ. އެގޮތުން، ބަލިމީހުންގެ ކިބައިން ސާމްޕަލް ނަގާނީ، މެޑިކަލް ފެސިލިޓީގައި ބަލިމީހާ ލައްވައި ކުޑަ ދަޅަކަށް ކުޅުކޮޅެއް އަޅައިގެން ކަމަށް ބުނެފައި ވެއެވެ.

މިގޮތަށް، ޓެސްޓްތައް ކުރާން ފެށުމުން، ބަލި ބަލިހުރިތޯ ބެލުމަށް ޖަޕާނުގައި ކުރެވޭ ޓެސްޓްތަކުގެ އަދަދު އިތުރުވެގެންދާނީ ކިހާ މިންވަރަކަށް ކަމެއް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ޓެސްޓްކުރުމުގެ ކަންކަން ޖަޕާނުގައި އެކަށީގެންވާ ގޮތެއްގައި ނުކުރާތީ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

ޖަޕާނުން މިހާތަނަށް 16،949 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 898 މީހުން ބަލީގައި މަރުވެފައި ވެއެވެ. އަދި 13،973 މީހުން ބަލިން ފަސޭހަވެފައިވެސް ވެއެވެ.

ބަލިފެތުރުން ހުއްޓުވުމުގެ ގޮތުން ޖަޕާނުގައި އިޢްލާންކުރި ލޮކްޑައުންގެ ހާލަތަށް މިހާރު ލުއިދޭން ފަށާފައިވާއިރު، އިއްޔެވަނީ ބައެއް ސްކޫލްތައްވެސް އަލުން ހުޅުވާފައެވެ.