• އަލަށް ޕޮޒިޓިވްވީ 12 މީހުން، ޖުމްލަ އަދަދު 1،841 އަށް
  • ބަނގްލަދޭޝްގެ 200 މީހުން މިއަދު އަނބުރާ ގައުމަށް
  • ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްކުރަން އެޑިއުކޭޝަނުން ނާންގާ: މަބްރޫކް

އިތުރު 120 މީހުން ކޮވިޑް-19 ބަލިން ފަސޭހަވެ، މިހާތަނަށް ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު 608 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އަށް ފަރުވާ ދެމުންގެންދާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް އިތުރު 120 މީހުންނަށް ބަލިން ޝިފާ ލިބިފައިވާ ކަމަށެވެ.

ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު 608 އަށް އެރިއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުންގެންދަނީ 1،224 މީހުންނަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެތެރެއިން 11 މީހަކަށް ފަރުވާ ދެމުންގެންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަމަށާއި، ވެންޓިލޭޓަރުގައި އޮތީ އެކަކު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތަފްސީލް ދެއްވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، އެ މުއްދަތުގައި ޕޮޒިޓިވްވެފައިވަނީ 12 މީހުން ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 819 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އަލަށް ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި އިންޑިއާމީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ހިމެނޭ 7 މީހަކީ ކްލަސްޓަރތަކާ ގުޅުންހުރި މީހުން ކަމަށާއި، 4 މީހަކު ވަކި ކްލަސްޓަރއަކާ ގުޅުން ނެތްކަމަށްވެސް ވިދާޅުވިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،841 އަށް އަރާފައެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 470 އިމާރާތަކާއި، އެޕާޓްމަންޓެއް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އެބަހުރި ކަމަށެވެ.

ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން ކުރެވެމުންދާ އެހެން މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބަނގްލަދޭޝްގެ 200 މީހަކު މިއަދުވެސް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ބަނގްލަދޭޝްގެ 1،593 މީހުން އަނބުރާ ފޮނުވާލެވިފައިވާ ކަމަށާއި، އަނބުރާ ފޮނުވާލެވުނު މީހުންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެމުންދިޔަ އެހެން ނަމަވެސް ދާން ބޭނުންވެގެން ފޮނުވާލެވުނު 342 މީހަކުވެސް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން، 14 ދުވަސްފަހުން ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްކުރަން އަންގަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޮގުކުރައްވާ ކަންވެސް މަބްރޫކް ހާމަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ، އެފަދަ އެންގުމެއް އެޑިއުކޭޝަނުން ނާންގާ ކަމަށާއި، ރާއްޖޭގެ ސްކޫލްތައް ހުޅުވާނެ ދުވަހަކާގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެކަމަށް ގޮތެއް ނިމުނުހާ އަވަހަކަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.