ޔަމަނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޔަމަނުގައި ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއަރޒް އާއި ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި އިމަރޖަންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކް އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށް ވެފައިވާކަން ފާހަގަކުރައްވައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އަސާސީ ޚިދުމަތްތަކާއި ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަނުގައި ސުލްހަ ގާއިމްކުރުމާއި މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަގްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް ކޮންމެފަދަ ހާލަތެއްގައި ވެސް އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ ކަމަށެވެ. އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.