ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުގައި އެން.އައި.ސީ.ޔޫގައި ބޭނުންވާވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ނަސީމްއާއި މަޝްވަރާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ނައިބް ރައީސްއާއި ހިއްސާކުރީ އެ ހޮސްޕިޓަލުގެ އިސްވެރިންނާއި އެ ދާއިރާގެ މެމްބަރުންގެ އިތުރަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއެކު ބޭއްވުނު މަޝްވަރާގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ހޮސްޕިޓަލަށް ދިމާވާ ދަތިތައް ނައިބް ރައީސް އާއި ހިއްސާ ކުރައްވަމުންވަނީ، އެ ހޮސްޕިޓަލުގެ މުހިންމު މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން ފާހަގަކޮށްފައި ވެއެވެ.

މިބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ހައްލުކުރުމަށް މިނިސްޓަރ އޮފް ފައިނޭންސް މަޝްވަރާކުރައްވާނަން."
ހެލްތު މިނިސްޓަރ

ކުޅުދުއްފުށީ ސިޓީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް، އެސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުންވެސް ވަނީ މިބައްދަލުވުމުގައި ނައިބް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ފެންވަރު ރަނގަޅުކޮށް އަދި ޚަރަދުކުޑަކޮށް ކަންކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދައި އެގޮތްގޮތަށް މަސައްކަތް ކުރެއްވުމަށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރައްވަމުން ގެންދެވުމަށް އެމަނިކުފާނު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.